ކިއުބާގެ ކަނޑުގެ ސަރަހައްދަށް ވަތް އެމެރިކާގެ ހަތަރު މީހަކު މަރާލައިފިއެވެ.

ކިއުބާގެ ސަލާމަތީ ބާރުތަކުން ވަނީ މިދިޔަ ބުދަ ދުވަހު އެގައުމުގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު އެމެރިކާއަށް ނިސްބަތްވާ ސްޕީޑް ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށާއި އޭގެން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު މަރާލާފައިވާ ކަމަށް ބުނެފައެވެ.

ކިއުބާ ސަރުކާރުގެ އޮފިޝަލަކު އިއްޔެ ވަނީ އެގައުމުގެ މިލިޓަރީ އިން ހަމަލާ ދީފައިވަނީ ގަވާއިދާ ހިލާފަށް ކިއުބާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު އެމެރިކާގެ ބޯޓަކަށް ކަމަށާއި ހަމަލާގެ މައުލޫމާތު އެމެރިކާއަށް ހިއްސާކޮށްފައިވާ ކަމަށް ބުނެފައެވެ.

ކިއުބާގެ އިންޓީރިއާ މިނިސްޓަރީއިން ނެރުނު ބަޔާނެއްގައި ވާގޮތުން އެހަމަލާގައި އެ ސްޕީޑް ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާއިރު ދެން ތިބި ހަމީ ހަކަށް އެކިވަރުގެ އަނިޔާވެފައި ވާ ކަމަށާއި އެމީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯއާ ހަވާލާދީ ރިޕޯޓުތަކުން ވަނީ އެމެރިކާއިން އެއޮޕަރޭޝަންގައި އެއްވެސް ގޮތަކަށް ބައިވެރިވެފައި ނުވާ ކަމަށާއި އެގައުމަށް ނިސްބަތްވާ ބަޔަކު މަރުވި މައްސަލަ ވަކިން ބެލުމަށް މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާއިން ވަނީ ކިއުބާގެ ހަވާނާގައި ހުންނަ އެމެރިކާ އެމްބަސީގެ އޮފިޝަލުން އެމައްސަލަ ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

ކިއުބާއިން އެމެރިކާ ބަޔަކަށް ހަމަލާ ދީފައިވާއިރު އެމެރިކާއާއި ކިއުބާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެމެރިކާއިން ވަނީ ކިއުބާއިން ތެޔޮ ސްމަގަލް ކުރާ ކަމަށް ތުހުމަތުކޮށް އެގައުމަށް ދަތުރުކުރާ ތެޔޮ ޝިޕްމަންޓުތައް ހިފަހައްޓައި ކިއުބާގެ ސަރުކާރަށް ޕްރެޝަރު ކުރަން ފަށާފައެވެ.