ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެއްވެސް ރަށަކަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި ޕީއެންސީން ރޭ ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް ރަށްރަށަށް ދިއުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"އިންތިހާބަކާ ގާތްކޮށް އަޅުގަނޑު ބޭނުމެއް ނޫން ރައްޔިތުން ގާތަށް ދާކަށް. މިހާރު ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ގަސްތެއް ނުކުރަން ރަށްރަށަށް ދާކަށެއް،" ރައީސް ވިދާޅުވިއެވެ.

26 ފެބްރުއަރީ 2026، އާޓިފިޝަލް ބީޗުގައި ޕީއެންސީން މިރޭ ބޭއްވި ތަރާވީހުގައި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ބައިވެރިވެވަޑައިގަންވަނީ ---- ފޮޓޯ: ޕީއެންސީ

ނަމަވެސް، ރަށެއްގައި ހިންގާ ބޮޑު މަޝްރޫއެއް ނިމިގެން، އެކަން ފާހަގަކުރުމަށް ރަށުގެ ރައްޔިތުން ދައުވަތު ދީފިނަމަ، އެ ދައުވަތު ގަބޫލުކުރައްވައި އެ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އިސްކަންދެނީ އިންތިހާބުތައް އައުމުގެ ކުރިން ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، އެކަންކަން ފުއްދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.