އިރާނާއި އެމެރިކާގެ މަޝްވަރާ ބައްދަލުވުމުން ކުރިއެރުމެއް ލިބިފައިވާ ކަމަށް އެބައްދަލުވުމުގެ މެދުވެރިފަރާތް އޮމާން އިން ބުނެފިއެވެ.

އޮމާންގެ ފޮރިން މިނިސްޓަރު ބަދްރު އަލް ބުސައިދީ ވަނީ އިއްޔެ ސްވިޒަލެންޑުގެ ޖެނީވާގައި ކުރިޔަށްދިޔަ ނިއުކްލިއާ މައްސަލައިގެ މަޝްވަރާގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ބަދްރު ވަނީ އިރާނާއި އެމެރިކާއިން ވެސް ދިގުދެމުގެންދާ ނިއުކްލިއާ މައްސަލައިގައި ކޮޅެއްގައި ޖެހުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އިއްޔެ ޖެނީވާގައި ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަދްރު ވިދާޅުވީ މަޝްވަރާގެ ހަވާސާގައި ކުރިޔަށްގެންދިޔަ ވާހަކަތަކާ މެދު ދެގައުމުން ވެސް ދެގައުމުގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިރާނާއި އެމެރިކާ ކުރިޔަށްދާ މަޝްވަރާގެ ކުރިޔަށް އޮތް ބައްދަލުވުން އަންނަ ހަފުތާގައި ވިއެނާގައި ބޭއްވުމަށް އެޖެންޑާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބަދްރު ވިދާޅުވިއެވެ.

އެމެރިކާއިން އިރާނަށް ހަމަލާ ދިނުމުގެ އިންޒާރު ދެމުން އަންނަ އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ އިރާނުން މަޝްވަރާގައި ގޮތެއް ނުނިންމައިފިނަމަ އަންނަ ހަފުތާ ތެރޭ އިރާނަށް ހަމަލާ ދިނުމާމެދު ގޮތެއް ނިންމާނެ ކަން ހާމަކުރައްވާފައެވެ.