ރޯދަމަހުގެ ދުވާލު ވަގުތުތަކުގައި ކަރުހިއްކުމާއި، ބަނޑުހައިވުމާއި އަދި ވަރުބަލިކަން އިހުސާސްވުމަކީ އަޅުގަނޑުމެން އެންމެންނަށްވެސް ދިމާވާ ކަމެކެވެ. ޚާއްސަކޮށް ހޫނުގަދަ ދުވަސްވަރެއްގައި ރޯދަ ހިފަންޖެހުމުން މި އުނދަގޫތައް ބޮޑުވެގެންދެއެވެ. ނަމަވެސް، ކެއިންބުއިމުގެ އާދަތަކަށް ކުޑަ ބަދަލެއް ގެނެސްގެން މިކަމަށް ލުޔެއް ހޯދިދާނެއެވެ. މިގޮތުން "ޗިއާ ސީޑްސް" އަކީ ރޯދަމަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ އާއި ތާޒާކަން ގެނެސްދިނުމަށް އޮތް ވަރަށް ރަނގަޅު ހައްލެކެވެ.
ކަރުހިއްކުން ފިލުވައިދީ ހަކަތަ އިތުރުކޮށްދިނުން
ޗިއާ ސީޑްސްގެ އެންމެ ހާއްސަ އެއް ސިފައަކީ ފެން ހިފެހެއްޓުމުގެ ގާބިލުކަން އޭގައި ހުންނަ މިންވަރެވެ. މި އޮށްތައް ފެނަށް އެޅުމުން، އޭގެ ބަރުދަނުގެ 10 ގުނައަށް ފެން ދަމައިގަނެ، ޖެލްއެއްގެ ގޮތަށް ބަދަލުވެއެވެ. ހާރުކާއިރު ޗިއާ ސީޑްސް ބޭނުންކުރުމުން، ހަށިގަނޑުގައި ގިނަ ވަގުތު ފެން ހިފަހައްޓައިދީ، ދުވާލު ވަގުތު ކަރުހިއްކުން ކުޑަކޮށްދެއެވެ. މީގެ އިތުރުން، މިއީ މަޑުމަޑުން ހަށިގަނޑަށް ހަކަތަ ދޫކުރާ އެއްޗަކަށްވާތީ (ސްލޯ ރިލީޒް އެނާޖީ)، ރޯދައަށް ހުންނައިރު ކުއްލިއަކަށް ވަރުބަލިވުމާއި ބޯއަނބުރާގޮތް ވުމުން ދުރުކޮށްދެއެވެ.
ހަޖަމުކުރުމުގެ ނިޒާމާއި ހަމުގެ ދުޅަހެޔޮކަން
ރޯދަމަހު ގިނަ ބަޔަކަށް ދިމާވާ ބަނޑުހިކުމުގެ މައްސަލައަށްވެސް ޗިއާ ސީޑްސްއިން ހައްލު ލިބެއެވެ. މިއީ ފައިބަރުން މުއްސަނދިވެފައިވާ އެއްޗަކަށްވުމުން، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ބަނޑުހައިވުން ލަސްކޮށްދެއެވެ. ހަމައެއާއެކު، ރޯދައަށް ހުންނައިރު ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ހަންގަނޑު ކުރަކިވެ، އުޖާލާކަން ގެއްލޭގޮތް ވެއެވެ. ނަމަވެސް ޗިއާ ސީޑްސްގައި ހިމެނޭ އޮމެގާ-3 ފެޓީ އެސިޑްސް އާއި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަންގަނޑުގެ ތެތްކަން ދަމަހައްޓައިދީ، ހަމަށް ދިރުން ގެނެސްދެއެވެ.
ކެއުމުގައި ޗިއާ ސީޑްސް ހިމަނާނެ ގޮތް
މި ރޯދަމަހު ޗިއާ ސީޑްސް ބޭނުންކުރުމަށްޓަކައި ވަރަށް ފަސޭހަ ގޮތްތަކެއް ހިޔާރުކުރެވިދާނެއެވެ.
- ހާރުކާއިރު: ރޭގަނޑު ނިދުމުގެ ކުރިން ކިރު ތަށްޓަކަށް ނުވަތަ ޔޯގަޓް ތަށްޓަކަށް ޗިއާ ސީޑްސް އަޅައި ފޯކުރަން ބަހައްޓާށެވެ. ހާރުކާއިރު މީގެ ތެރެއަށް މޭވާކޮޅެއް އަޅައިގެން ކެވިދާނެއެވެ. ނުވަތަ އޯޓްސް ކައްކާއިރު އޭގެ ތެރެއަށްވެސް އެޅިދާނެއެވެ.
- ރޯދަވީއްލާއިރު: ކަރާ ފަނި، ކުރުނބާ ފެން ނުވަތަ ލުނބޯ ފަނި ތައްޔާރުކުރާއިރު އޭގެ ތެރެއަށް ޗިއާ ސީޑްސް އަޅައިގެން ބޭނުންކުރެވިދާނެއެވެ. މިއީ މީރު އަދި އެހާމެ ފައިދާހުރި ބުއިމަކަށް ވާނެއެވެ.
ދުުޅަހެޔޮ ބަދަލަކަށް ތައްޔާރުވުން
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޮޑެތި ބުރަ މަސައްކަތްތަކެއް ކުރާކަށް ނުޖެހެއެވެ. ބޭނުންވަނީ ކެއިންބުއިމުގެ އާދަތަކަށް ގެނެވޭ މިފަދަ ކުދިކުދި ހެޔޮ ބަދަލުތަކެވެ. މި ރަމަޟާން މަހަކީ ތިބާގެ ސިއްހަތަށް ސަމާލުކަންދީ، ޗިއާ ސީޑްސް ފަދަ ފައިދާހުރި ބާވަތްތައް ބޭނުންކުރަން ފަށާ މަހަކަށް ހަދަމާ ހިނގާށެވެ. ހަށިގަނޑަށް ލިބޭ ލުއިކަމާއި ތާޒާކަން ތިބާއަށް އިހުސާސް ކުރެވޭނެއެވެ.


ރޯދަ 2026
ރޯދަ 2026
ރޯދަ 2026