ދިރާގުން "ޑޮނޭޓް އަ މީލް" އަދި "ޑޮނޭޓް ޓު އަ ފެމިލީ" މެދުވެރިކޮށް 213،998 ރުފިޔާގެ އެހީ ފޯރުކޮށްދީފިއެވެ.

ދިރާގުން ބުނީ މިދިޔަ ރޯދަމަހު ދިރާގުން ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް "ޑޮނޭޓް އަ މީލް" އަދި "ޑޮނޭޓް ޓު އަ ފެމިލީ" ޕްރޮގްރާމްގެ ދަށުން 213،998 ރުފިޔާގެ އެހީ ފޯރުކޮށްދީފައިވށ ކަމަށެވެ.

އޭގެ ތެރޭގައި ދިރާގުން ހަދިޔާކުރި 180،000 ރުފިޔާގެ އިތުރުން ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް އާންމުންގެ ފަރާތްތަކުން ލިބިފައިވާ އެހީ ހިމެނޭ ކަމަށެވެ.

ދިރާގުން ވަނީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން "ޑޮނޭޓް އަ މީލް" ޕްރޮގްރާމް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީލް ޕެކް ބަހައިފައެވެ. އެ ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1,000 މީލް ޕެކް ހަދިޔާކޮށްފައެވެ. އަދި، ކަސްޓަމަރުން ވަނީ ދިރާގުޕޭ މެދުވެރިކޮށް އެ ހަރަކާތަށް އިތުރު އެހީތެރިކަން ފޯރުކޮށްދީފައެވެ.

މާލެ ސަރަހައްދުގައި ހިމެނޭ މިސްކިތްތައް ކައިރީގައި ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް ވަނީ އަމަލީގޮތުން ބައިވެރިވެ މީލް ޕެކްތައް ބަހައިފައެވެ.

"މަމްސް އެއިޑް" އާ ގުޅިގެން ދިރާގުން ވަނީ ދިރާގުޕޭ މެދުވެރިކޮށް "ރަމަޟާން އެއިޑް" ޕްރޮގްރާމްގެ "ޑޮނޭޓް ޓު އަ ފެމިލީ" ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފައެވެ.

12 އެޕްރިލް 2026: ދިރާގުން 'ޑޮނޭޓް އަ މީލް' އަދި 'ޑޮނޭޓް ޓު އަ ފެމިލީ' ހަރަކާތުގެ ތެރެއިން --- ފޮޓޯ/ ދިރާގު

ދިރާގުން ބުނީ އެ ކުންފުނީގެ ފަރާތުން އެ ހަރަކާތަށް އެހީތެރިވުމުގެ ގޮތުން 100 އާއިލާއަކަށް ކާބޯތަކެތީގެ ޒަރޫރީ ސާމާނު ހިމެނޭ "ކެއާ ބާސްކެޓް" ފޯރުކޮށްދީފައިވާ އިރު، އާންމުންގެ ފަރާތުން ވެސް ދިރާގުޕޭ މެދުވެރިކޮށް އިތުރު އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެ ހަރަކާތް މެދުވެރިކޮށް އެހީތެރިކަން ފޮރުކޮށްދިނުމުގައި އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހާއްސަ އިސްކަމެއް ދީފައި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.