ޗާގޯސް ޖަޒީރާގެ ރަށްތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން ރާއްޖޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ވަރަށް އަވަހަށް މައްސަލައެއް ހުށަހަޅާނެ ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު އަދި ކްލެކްޓަން ދާއިރާގެ މެންބަރު، ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ފަރާޖް ވިދާޅުވީ، ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ރާއްޖޭން އިންތިހާއަށް މާޔޫސްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި، މޮރިޝަސްގެ ދައުވާއަށް ރައްދު ދައުވާއެއް ރާއްޖޭން އައިސީޖޭއަށް ހުށަހަޅާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ފަރާޖް މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތީ ޗާގޯސްގެ ފަޅު ރަށެއް ކަމަށްވާ އީލް ޑު ކޮއިންގައި ދިރިއުޅެން މަސައްކަތްކުރާ ހަތަރު މީހަކަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށެވެ. އިނގިރޭސި ސަރުކާރުގެ އެދުމަކަށް ދިވެހި ސަރުކާރުން އެ ދަތުރަށް ހުރަސްއެޅި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

މަޖިލީހުގެ ބަހުސްގައި ފަރާޖް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ކުރެއްވި ދަތުރުން ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ އަދި ސަގާފީ ބޮޑު ގުޅުން އެނގިވަޑައިގެންފައިވާ ކަމަށެވެ.

"ރާއްޖެއަކީ ޗާގޯސްގެ ރަށްތަކާ ތާރީހީ އަދި އާކިއޮލޮޖީގެ ގޮތުން ވަރަށް ޒަމާންވީ ގުޅުމެއް އޮތް ގައުމެއް. ފަރަންސޭސި މީހުން ވެސް ކުރި ހަމައެކަނި ކަމަކީ އެ ރަށްތަކުގެ ނަން ދިވެހި ނަންތަކުން ބަދަލުކުރުން،" ފަރާޖް ވިދާޅުވިއެވެ.

ފަރާޖް ގަބޫލުކުރައްވާ ގޮތުގައި ޗާގޯސްގެ މައްޗަށް މޮރިޝަސްއަށްވުރެ ބޮޑަށް ހައްގު އޮތީ ރާއްޖެއަށެވެ. އެހެންކަމުން، އައިސީޖޭއިން މިކަމުގައި ދާއިމީ ގޮތެއް ނިންމަންދެން، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އޭނާ އިނގިރޭސި ސަރުކާރަށް ގޮވާލެއްވިއެވެ.