ރާއްޖޭގެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ މައްސަލައާ ގުޅިގެން އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށާއި މިހާރު ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތައް ކުޑަކޮށް ވައިގެ ފެންވަރު ރަނގަޅުކޮށް ތިމާވެށީގެ ކަންކަމުގައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށްޓަކައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޫސުމީ ދުންފިނީގެ ސަބަބުން އާންމު ސިއްހަތަށާއި، ތިމާވެށީގެ ފެންވަރަށާއި، އިގްތިސާދީ ދެމެހެއްޓެނިވި ކަމަށް އަސަރު ކުރާ ކަމަށެވެ.

"މިހާރު ކުރިމަތިވެފައިވާ ދުންފިނީގެ ހާލަތާ ގުޅިގެން އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށާއި، ބޯޑަރު ހުރަސްކޮށް އަންނަ ވައިގެ ތަގައްޔަރުކަމަށް މެދުނުކެނޑި ހުށަހެޅިފައި ހުރުމަކީ އާންމު ސިއްހަތަށާއި، މުޖުތަމައުގެ ދުޅަހެޔޮކަމަށާއި، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގްތިސާދަށް ނުރައްކާ އޮތް ކަމެއްކަން ސަރުކާރުން ފާހަގަކުރެއެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ދުވަސްވަރު މޫސުމީ ވަޔާއެކު ސަރަހައްދީ ފެންވަރުގައި ބޭރުވާ ވިހަ ގޭސްތަކުގެ ސަބަބުން މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ވައި ނުސާފުވެފައިވާ ކަމަށެވެ. ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތާއި، އަދި ރާއްޖޭގެ އެއް ސަރަހައްދެއްގައި އާބާދީ ތޮއްޖެހިފައި އޮތުމުގެ ސަބަބުން ރާއްޖެއަށް ކުރާ ގެއްލުން ބޮޑުކަމަށް އެ ބަޔާނުގައިވަނީ ފާހަގަކޮށްފަ އެވެ.

"ވައިގެ ގަޣައްޔަރުކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސައިންޓިފިކް އެއްބާރުލުން ދިނުމާއި، މައުލޫމާތު ހިއްސާކުރުމާއި، މެދުނުކެނޑި މަޝްވަރާކުރުމުގެ ތެރެއިން ބައިނަލްއަގުވާމީ މަސައްކަތްތައް ވަރުގަދަކޮށް ކުރިއެރުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދަނީ މަސައްކަތް ކުރަމުންނެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.