ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫގެ ފޭސް ތިނެއްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫގެ ފޭސް ތިނެއްގެ އެއްބަސްވުމުގައި ކޮންސްޓްރަންޝަން މިނިސްޓްރީ އެންޑް އިންފްރާސްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.

އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ނަޒީމްއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ތިނަދޫގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި މަޝްރޫއުގެ ދަށުން އެ ސިޓީގެ 19 ކިލޯމީޓަރުގެ 50 މަގުގެ މަސައްކަތް ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށެވެ.

"މިހާތަނަށް ފޭސް އެކެއް އަދި ފޭސް ދޭއް ހިންގާ ނިމިފައި އޮތީ، ދެން ބާކީ ހުރި މަގުތައް ކޮންޓްރެކްޓްރެއިން މާ ލަސްތަކެއް ނުވެ ފެށިގެން ދާނެ،" މުއްތަލިބް ވިދާޅުވިއެވެ.

25 ފެބްރުއަރީ 2026: ތިނަދޫ ސިޓީގެ މަގުތައް ޒަމާނީކުރުމުގެ މަޝްރޫގެ ފޭސް 3 އާރުޑީސީއަށް --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މަސައްކަތް ނިމިގެންދާއިރު، މިހާރު އާބާދުވާ ސަރަހައްދު ހިމަނައިގެން ތިނަދޫއަކީ ރައީސް ޑރ. މުހައްދު މުއިއްޒުގެ ވައުދާއެއްގޮތަށް ހުރިހާ މަގުތަކެއް، ހެދިފައިވާ ސިޓީއަކަށް ވެގެންދާނެ ކަމަށެވެ.

"މި ޕްރޮޖެކްޓަކީ 341 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް. މީގެ ތެރޭގައި ސްޓޯމް ވޯޓާ ސިސްޓަން ގާއިމް ކުރުމާ ކަންތައްތައް ހިމެނިގެންދާނެ. އެހެންވީމަ ސިޓީތައް ތަރައްގީކުރުމަށް ސަރުކާރުން ސިޓީތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ވަރަށް ބޮޑު ޕްރޮޖެކްޓެއްގައި ސޮއިކުރެވިގެން މިދަނީ. ޕްރޮޖެކްޓް ނިމިގެންދާއިރު ތިނަދޫއަކީ ޒަމާނީ ފެންވަރުގެ ސިޓީއެއްގެ ގޮތުގައި ފެނިގެންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެމްޕީ ސައުދުﷲ ހިލްމީ ވިދާޅުވީ މިއަދު ސޮއިކުރެވިގެންދިޔަ މަޝްރޫއުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް އުނގަދޫތަކާ ކުރިމަތިވަމުންދިޔަ ކަންކަމަށް ހައްލު ލިބގެންދާނެ ކަމަށެވެ.

25 ފެބްރުއަރީ 2026: ތިނަދޫ ސިޓީގެ މަގުތައް ޒަމާނީކުރުމުގެ މަޝްރޫގެ ފޭސް 3 އާރުޑީސީއަށް --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

"މިހާރުވެސް ތާރު ނޭޅި ހުރި މަގުތަކުގައި ފެންބޮޑުވުމުގެ ކަންތައްތައް ހިނގާތީވެ، އެހެންވީމަ އެއީ ރައްޔިތުންނަށް ތަކުލީފަކުން ސަލާމަތް ކުރެވޭ ކަމަކަށްވާތީ އެއީ މެންބަރުންނަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުން ލިބޭ ކަމެއް. އުންމީދަކީ އާރުޑީސީން މި މަސައްކަތް ފައްޓަވައިގެން ކުރިޔަށްގެންގޮސް އަވަހަށް މަސައްކަތް ނިންމުން" ސައުދުﷲ ވިދާޅުވީއެވެ.

އެ ރަސްމިއްޔާތުގައި އާރުޑީސީގެ އެމްޑީ ނަޒީމް ވިދާޅުވީ 50 މަގު ތަރައްގީކުރުމުގެ ޑިޒައިން މަސައްކަތްތައް އަވަހަށް ނިންމައި މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްގެންދަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.