އިންޑިއާ ކަނޑުން ދަތުރުކުރި ތެޔޮ ޓޭންކަރެއް އެމެރިކާއިން ހިފައިފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސުން ވަނީ އިއްޔެ އެގައުމުގެ މިލިޓަރީއިން އިންޑިއާ ކަނޑުން ދަތުރުކުރި ތެޔޮ ޓޭންކަރެއް ހިފާފައިވާ ކަމަށް ބުނެފައެވެ.

މިދިޔަ މަހު ވެނެޒުއެލާގެ ތެޔޮ އެގައުމުން ބޭރުކުރުން މަނާކުރި ކުރުމާ ދެކޮޅަށް ތެޔޮ އެކްސްޕޯޓުކުރުމުގައި ހަރަކާތްތެރިވި ކަމަށް ބުނެ އެ ތެޔޮ ޓޭންކަރު އެމެރިކާއިން ހިފާފައިވާއިރު އެކަމުގެ އިތުރު ތަފުސީލެއް އެމެރިކާއިން ހާމަކޮށްފައި ނުވެއެވެ.

އެމެރިކާގެ މިލިޓަރީ އިން ހިފި ތެޔޮ ޓޭންކަރުގެ ފޮޓޯ އެގައުމުގެ ޑިޕާޓްމަންޓް އޮފް ޑިފެންސުން ވަނީ އާންމުކޮށްފައެވެ. އެފޮޓޯގައި ވާގޮތުުން އެތެޔޮ ޓޭންކަރަކީ ބާރްތާ ނަމަކަށް ކިޔާ ޓޭންކަރެކެވެ.

ކަނޑު ދަތުރުފަތުރުގައި ހަރަކާތްތެރިވާ އުޅަނދުފަހަރު ޓްރެކް ކުރުމަށް ބޭނުންކުރާ މެރިން ޓްރެފިކް ވެބްސައިޓުން ފެންނަ ގޮތުން އެ ތެޔޮ ޓޭންކަރު މިފަހުން ކުރި ދަތުރުތަކުގެ މައުލޫމާތު ނުފެންނަ ގޮތަށް ޓްރާންސްމިޓް ނުކުރެވޭގޮތް ވަނީ ހަދާފައެވެ. ނަމަވެސް އެމެރިކާގެ މިލިޓަރީ އިން އެ ޓޭންކަރު ހިފުމާއެކު އޭގެ ލޮކޭޝަން އެވެބްސައިޓުން ފެނެއެވެ. ވެބްސައިޓުގައި ވާގޮތުން ތެޔޮ ޓޭންކަރު އޮތީ ލަންކާގެ ދެކުނުން 2600 ކިލޯމީޓަރު ސަރަހައްދެއްގައެވެ.

އެމެރިކާގެ މިލިޓަރީ އިން އެ ތެޔޮ ޓޭންކަރު ހިފާފައިވާއިރު އެޓޭންކަރު ދެން ގެންދިޔަ ސަރަހައްްދެއް ހާމަކޮށްފައި ނުވެއެވެ.