ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ފުރުސަތު ދިނުމަށް ރައީސްގެ އޮފީހުން އަލުން ހުޅުވާލައްވައިފިއެވެ.

މި ކޮމިޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވާލީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

އެ މުއްދަތު ހަމަވީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00އަށެވެ.

ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނުގައި ބުނީ ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމެޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ،" އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އެވެ.

އެ ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ފުރުސަތު ދިނުމަށް އިއްޔެއިން ފެށިގެން އަންނަ މާޗް މަހުގެ ތިނެއްވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަން ކައުންޓަރުންނެވެ.

ކޮމިޓީތަކުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެއްވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ:

  • މަސްވެރިން - ދެ މެންބަރުން.
  • އޮޑިވެރިން - ދެ މެންބަރުން.
  • ކެޔޮޅުން - ދެ މެންބަރުން.
  • މަސްވެރިކަމާއި މެރިކަލްޗާގެ އިލްމީ/ފަންނީ ތަޖުރިބާކާރުން - ދެ މެންބަރުން.
  • މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން (އިންޑަސްޓްރިއަލް އޮޕަރޭޓަރުން، ޕްރޮސެސިން ފެސިލިޓީތައް، އެކްސްޕޯޓަރުން، އެކުއަކަލްޗާ / މެރިކަލްޗާ ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތައް) - ތިން މެންބަރުން.

ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ:

މި ކޮމިޓީއަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކުން (ޓޫރިސްޓް ހޮޓާ/ ރިސޯޓް/ ގެސްޓްހައުސް އޮޕަރޭޓަރުން، ޓްރާންސްޕޯޓް އޮޕަރޭޓަރުން - އެއާލައިން އެއާޕޯޓްތައް، ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓަރުން، ޓްރަވެލް އެޖެންސީތައް) ހަތަރު މެންބަރުން އައްޔަންކުރާއިރު ފަތުރުވެރިކަމުގެ ދާއިރާގެ އިލްމީ/ ފަންނީ ތަޖުރިބާކާރެއް އައްޔަންކުރެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަދަނީ ޖަމިއްޔާ ޖަމާއަތަކުން މެންބަރެއްވެސް އެ ކޮމިޓީގައި ހިމެނެއެވެ.

ރާއްޖޭގައި ހިންގަމުންގެންދާ ރިސޯޓް/ ގެސްޓްހައުސް/ ސިޓީ ހޮޓާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން:

  • ހޮސްޕިޓަލިޓީ އެންޑް ގެސްޓް ސާވިސަސް - މެންބަރެއް.
  • ފުޑް އެންޑް ބެވަރެޖް - މެންބަރެއް.
  • ހައުސް ކީޕިން - މެންބަރެއް.
  • ރެކްރިއޭޝަން އެންޑް އެންޓަރޓެއިންމަންޓް - މެންބަރެއް.
  • މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން - މެންބަރެއް.
  • ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް - މެންބަރު
  • ސަފާރީތަކާއި ލިވްއަބޯޑް އަދި ބެއާބޯޓްގެ ހިދުމަތްދޭ ފަރާތްތައް - ދެ މެންބަރު

ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ:

  • އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކުން ތިން މެންބަރުން އައްޔަންކުރާއިރު ސިވިލް/ސްޓްރަކްޗްރަލް އިންޖިނިއަރިންގެ ދާއިރާއިން މެންބަރެއް.
  • އާކިޓެކްޗާގެ ދާއިރާއިން މެންބަރެއް.
  • ކުއެންޓިޓީ ސާވޭއިންގެ ދާއިރާއިން މެންބަރެއް.

ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓްރީގައި ހިމެނޭ ތިރީގައިވާ ކެޓަގަރީގެ ކޮންޓްރެކްޓަރުން ތަމްސީލުކުރާ ފަރާތްތައް:

  • ޖެނެރަލް ބިލްޑިން/ ޖެނެރަލް ސިވިލް ކޮންޓްރެކްޓަރުން ތަމްސީލުކުރާނެ މެންބަރެއް.
  • ހާބަ ކޮންޓްރެކްޓަރުން ތަމްސީލުކުރާނެ މެންބަރެއް.
  • ޔޫޓިލިޓީ ކޮންޓްރެކްޓަރުންގެ މެންބަރެއް.
  • އިމާރާތްކުރުމުގެ ދާއިރާއާގުޅޭ ތަކެތި އެތެރެކޮށް ސަޕްލައިކޮށްދިނުމުގެ މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ މެންބަރެއް
  • މީހުން ބިނާކުރުމުގެ ދާއިރާއިން މެންބަރެއް.
  • ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ މެންބަރެއް.
  • ބިލްޑިން ސާވިސަސް އިންޖިނިއަރިން ދާއިރާގެ މެންބަރެއް.