އެމްބިއުލާންސަށް ޖާގަ ނުދީ ޕިކަޕަކުން މުދާ ހުސްކުރަން މަޑުކޮށްގެން އޮތް މައްސަލައާ ގުޅިގެން ޕިކަޕު ޑްރައިވަރު 750 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަނި މަގެއްގައި ކުޑަ ޕިކަޕެއް މަޑުކޮށް މުދާ ހުސްކުރަމުންދާ އިރު، ފަހަތުން އެމްބިއުލާންސް ސައިރަން އަޅަމުންދާ އަޑު އިވެއެވެ. މުދާ ހުސްކުރުމަށްފަހު ޕިކަޕް ދުއްވާލަނީ ކުޑައިރުކޮޅެއް ފަހުންނެވެ.

އަދި އެ ޕިކަޕުގެ ފަހަތުގައި އިތުރު ޕިކަޕުތަކާއި ކާރެއް އަދި ސައިކަލުތައް ވެސް އެމްބިއުލާންސްގެ ކުރިއަށް އޮވެއެވެ. މަގު ހަނިކަމުން ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދަކަށް މަގު އެއް ކައިރިއަށް ޖެހި އެމްބިއުލާންސަށް ތަން ދޭނެ ޖާގައެއް މަގަކު ނެތެވެ. ކުރިން ދުއްވާފައި ދިޔަ އެއްވެސް ސައިކަލެއް ވެސް މަގު އެއް ފަރާތަށް ޖެހި އެމްބިއުލާންސަށް ޖާގަ ދީފައެއް ނުވާ މަންޒަރު އެ ވީޑިއޯ އިން ފެެނެއެވެ.

ފުލުހުން މިރޭ ބުނީ ގަވާއިދުގައިވާ ބަޔާންކޮށްފައިވާ ގޮތަށް ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، އެ ޑްރައިވަރު 750 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ ޑްރައިވަރުގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީންވެސް ދަނީ ބަލަމުންނެވެ. އެ މިނިސްޓްރީން މިއަދު ބުނީ ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ނަމަ، މިނިސްޓްރީން އެ ފަރާތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.