ދެކުނު އޭޝިޔާގެ ފުޓްބޯޅައިގެ އެންމެ ބޮޑު ޖަމިއްޔާ (ސާފް)ގެ ބައެއް މުހިއްމު ކޮމިޓީތަކަށް ރާއްޖޭގެ އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) އާއި އިސްމާއީލް ސިމަން ހަމަޖައްސައިފިއެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރަކަށް ކުރިން ހުރި ސިމަން އިންތިހާބުވެފައި ވަނީ ސާފްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަން ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ސާފްގެ އިލެކްޓޯރަލް ކޮމިޓީގެ މެމްބަރު ކަމަށެވެ.
ގާނޫނީ ވަކީލް ސިމަންއަކީ ފުޓުބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް ފީފާއިން 2024 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި އެކުލަވާލި އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ މެމްބަރެކެވެ. ސިމަން ވަނީ، ނޯމަލައިޒިން ކޮމިޓީގެ ދައުރު، މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އަދާކޮށްފައެވެ.
އައްޑޯ އިންތިހާބުވެފައިވަނީ ސާފްގެ އެޕީލްސް ކޮމިޓީގެ މެމްބަރު ކަމަށެވެ. ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއާއި އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީގެ މަތީ ފަންތީގެ ގިނަ މެޗުތަކެއްގެ މެޗު ކޮމިޝަނަރުކަން ކުރައްވާފައިވާ އައްޑޯއަކީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކެއް ފަރިތަ ބޭފުޅެކެވެ.
މިވަގުތު އައްޑޯ ހުރީ މެޗު ކޮމިޝަނަރު ކަމުން ރިޓަޔާ ކުރައްވައިގެންނެވެ.
ސާފް
ސާފް
ސާފް