މުޒާހަރާގެ ބައިވެރިން މެރިކަމުގެ ހެކި ދެއްކުމަށް އިރާނުން ގޮވާލައިފިއެެވެ.

އިރާނުގައި މިދިޔަ މަހު ކުރިޔަށް ދިޔަ މުޒާހަރާތަކުގައި ބައިވެރިވި މީހުން އެގައުމުގެ މިލިޓަރީ އިން މަރާފައިވާ ކަމަށް ތުހުމަތުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނަމުން ދިއުމާއެކު އިރާނު ސަރުކާރުން ވަނީ އެކަމުގެ ހެކި ދެއްކުމަށް ގޮވާލާފައެވެ.

އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ އިއްޔެ ވަނީ އެގައުމުގައި ޓެރަރިސްޓުންގެ ބަޔަކު މުޒާހަރާ ކުރި މީހުންނަށް ހަމަލާ ދީފައިވާ ކަމަށާއި އެހަމަލާތަކުގައި މަރުވި 3،117 މީހުންގެ މައުލޫމާތު ހިމެނޭ ލިސްޓެއް އާންމުކުރައްވައިފައެވެ.

އަރާޗީ ވަނީ މިދިޔަ މަހު އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ޓެރަރިސްޓުން ދިން ހަމަލާގައި އެގައުމުގެ ސަލާމަތީ ބާރުތަކުގެ 200 މީހުން މަރުވެފައިވާ ކަމަށްވެސް ފާހަގަކުރައްވައިފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަނީ އިރާނުގެ މުޒާހަރާތަކުގައި 32،000 އަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށާއި އެގައުމުގެ އާންމުން ދިރިއުޅެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ހާމަކުރައްވައިފައެވެ.

އިރާނާއި އެމެރިކާގެ މަޝްރަހު ގޯސްވަމުން އަންނަ އިރު ދެގައުމުން ނިއުކްލިއާ މައްސަލާގައި މަޝްވަރާތައް ދަނީ ކުރަމުންނެވެ. ނަމަވެސް އެމެރިކާއިން މެދުއިރުމަތި ހަނގުރާމައަކަށް ތައްޔާރުކޮށްފައިވާ އިރު އިރާނަށް ހަމަލާ ދިނުމަށް ގޮތެއް ނިންމަމުން އަންނަ ކަމަށް ޓްރަމްްޕް ވަނީ ވިދާޅުވެފައެވެ.