އެޕަލް އިން މިއަހަރުގެ ފުރަތަމަ ބޮޑު ހަރަކާތް ކަމަށްވާ "ސްޕެޝަލް އެޕަލް އެކްސްޕީރިއަންސް" އަންނަ މާޗު މަހުގެ 4 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި އިވެންޓަކީ އާންމުކޮށް އެޕަލްއިން ބާއްވާ ލައިވް ސްޓްރީމް އިވެންޓްތަކާ ޚިލާފަށް، ނިއުޔޯކް، ލަންޑަން އަދި ޝަންހާއީގައި ނޫސްވެރިންނަށް ޚާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ. ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި އިވެންޓުގައި އެޕަލްގެ އެންމެ ފަހުގެ ބަޖެޓް ފޯނު ކަމަށްވާ "އައިފޯން 17އީ" އާއި މުޅިން އާ "ބަޖެޓް މެކްބުކް" އެއް ތައާރަފުކުރާނެއެވެ.
އައިފޯން 17އީ: އަގުހެޔޮ، އެކަމަކު ބާރުގަދަ
މި އިވެންޓުގެ އެންމެ ޚާއްސަ އެއް އުފެއްދުމަކަށް ވާނީ އައިފޯން 17އީ ކަމަށް ހަބަރުތައް ބުނެއެވެ. މިއީ ކުރިން ނެރުނު އައިފޯން އެސްއީ ނުވަތަ 16އީ ގެ ސިލްސިލާއަށް އިތުރުވާ އާ ފޯނެކެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ފޯނުގައި ހިމެނޭނީ އައިފޯން 17 ގައިވެސް ބޭނުންކުރާނެ ކަމަށް ބެލެވޭ ބާރުގަދަ އޭ19 ޗިޕެވެ. މީގެ އިތުރުން 6.1 އިންޗީގެ އޯލެޑް ޑިސްޕްލޭއަކާއި، މެގްސޭފް ޗާޖިން ސަޕޯޓް އަދި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމެއް މި ފޯނުގައި ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އަގުހެޔޮކޮށް އައިފޯނެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އުފެއްދުމެކެވެ.
މީގެ އިތުރުން، އައިޕެޑް އެއާ އަދި އައިޕެޑްގެ އާ މޮޑެލްތަކެއްވެސް މި އިވެންޓުގައި ފެނިގެންދާނެ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ. އާ އައިޕެޑް އެއާގައި އެމް4 ޗިޕް ހިމެނޭނެ ކަމަށް ބެލެވޭއިރު، މިއީ އައިޕެޑް ޕްރޯއާ ގާތްކުރާ ފެންވަރުގެ ޕާފޯމަންސެއް ލިބިގެންދާނެ ޑިވައިސްއެކެވެ.
ބަޖެޓް މެކްބުކް: ލެޕްޓޮޕް މާކެޓަށް އަންނަ ބޮޑު ބަދަލެއް
އެޕަލްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، ވަރަށް އަގުހެޔޮ މެކްބުކް ސީރީޒެއް މި އިވެންޓުގައި ތައާރަފުކުރާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. މި އާ މެކްބުކް އަމާޒުކޮށްފައިވަނީ ކިޔަވާ ކުދީންނާއި ތައުލީމީ ދާއިރާއަށެވެ. ޚަބަރުތައް ބުނާގޮތުގައި މި ލެޕްޓޮޕްގެ އަގު އުޅޭނީ ގާތްގަނޑަކަށް 599 ޑޮލަރާއި 699 ޑޮލަރާ ދެމެދުގައެވެ.
މި މެކްބުކްގެ އެންމެ ޝައުގުވެރި ކަމަކީ އޭގެ ކުލަތަކެވެ. ރިޕޯޓްތައް ބުނާގޮތުގައި ރީނދޫ، ފެހި އަދި ނޫ ކުލަ ފަދަ ގަދަ ކުލަތަކުގައި މި ލެޕްޓޮޕް ލިބެން ހުންނާނެއެވެ. ބައެއް މާހިރުން ލަފާކުރާ ގޮތުގައި އަގުހެޔޮ ކުރުމުގެ ގޮތުން މި މެކްބުކްގައި ބޭނުންކުރާނީ އައިފޯން ޕްރޯ މޮޑެލްތަކުގައި ބޭނުންކުރާ އޭ-ސީރީޒްގެ ޗިޕެކެވެ. ނަމަވެސް މިއީ އާދައިގެ ބޭނުންތަކަށް ފުދޭވަރުގެ ބާރުގަދަ ޗިޕެކެވެ.
މާހިރުންގެ ރައުޔު
ބްލޫމްބާގްގެ މަޝްހޫރު ނޫސްވެރިޔާ މާކް ގާމަން ފަދަ އިތުބާރު ހުރި މަސްދަރުތަކުން ހާމަކުރާ ގޮތުގައި، އެޕަލްއިން މިފަހަރު ގެންގުޅޭނީ ތަފާތު ސްޓްރެޓެޖީއެކެވެ. އެގޮތުން މާޗް 4 ގެ އިވެންޓުގެ ކުރިން، އެ ހަފުތާގެ ކުރީކޮޅު ނޫސްބަޔާންތައް މެދުވެރިކޮށް ބައެއް އުފެއްދުންތައް އިއުލާނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މާޗް 4 ވަނަ ދުވަހު އޮންނަ އިވެންޓަކީ މީޑިއާތަކަށް މި ތަކެތި ތަޖުރިބާކޮށްލުމަށް ދޭ ފުރުސަތަކަށް ވެދާނެއެވެ.
މި އިވެންޓާއެކު އެޕަލްގެ އުފެއްދުންތަކުގެ ލައިންއަޕަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ޚާއްސަކޮށް އަގުހެޔޮ ޑިވައިސްތަކަށް އިންތިޒާރުކުރާ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރަކަށް ވާނެއެވެ.


އެޕަލް
އެޕަލް
އެޕަލް
އެޕަލް