ޕާކިސްތާނުގެ އިމާރާތެއްގައި ގޭސް ލީކުވެގެން ގޮވައި 16 މީހަކު މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ ކަރާޗީގައި ހުންނަ މީހުން ދިރިއުޅޭ އެ އިމާރާތުގައި ގޮވާފައިވަނީ ގޭސް ލީކުވެގެންނެވެ. އެ ގޮވުމާއެކު އިމާރާތުގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ.

އިއްޔެ ހިނގި އެ ހާދިސާގައި 16 މީހަކު މަރުވެފައިވާ އިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ގިނަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވަދެމުން އަންނަ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ޕާކިސްތާނުގެ އޮފިޝަލުން ވަނީ އެ އިމާރާތުގައި ގޮވި ވަގުތު އެތަނުގައި ދިރިއުޅޭ މީހުން ތިބީ ހާރުކެއުމަށް ތައްޔާރުވަމުން ކަމަށް ބުނެފައެވެ.

އޮފިޝަލުން ބުނީ ރެސްކިއު ޓީމުތަކުން އިމާރާތް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވެއްޓިފައިވާ އިމާރާތުގެ ދަށުގައި ބަޔަކު ތާށިވެފައި ތިބެދާނެ ކަމަށް ބެލެވޭ ކަމަށެވެ.