ކ. މާފުށީގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދުގައި އާ ނަރުދަމާ ނިޒާމު ގާއިމުކުރުމާއި، އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.

މާފުށީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫޢު ފައްޓަވައިދެއްވީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްޔަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި، ސީނިއާ މެނޭޖްމަންޓް ޓީމު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަޝްރޫއުގެ ދަށުން މާފުށީގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި، ގޭގޭގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެއާއެކު ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ސީއައުޓްފޯލްއެއް އެޅުމާއި، ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ ދެ ޓޭންކު ބެހެއްޓުމާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުން ވެސް ހިމެނެއެވެ.

17 ފެބްރުއަރީ 2026، ކ. މާފުށީގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދުގައި އާ ނަރުދަމާ ނިޒާމު ގާއިމުކުރުމާއި، އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

އޭގެ އިތުރުން މާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި އާ ނަރުދަމާ ނިޒާމެއް ގާއިމުކުރުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓްފޯލްއެއް އެޅުމާއި، ގޭގެއަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދެވޭނެއެވެ.

މާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި، އަދި އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއަކީ އެމްޑަބްލިޔުއެސްސީ އާއި ސަރުކާރު ހިއްސާވާގޮތަށް ކޯ-ފައިނޭންސިން އުސޫލުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން އެ މަޝްރޫއަށް އެމްޑަބްލިޔުއެސްސީން ޖުމުލަ 88.8 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ އިރު، ސަރުކާރުން ހަރަދުކުރުމަށް ހަމޖެހިފައިވަނީ 186 މިލިއަން ރުފިޔާއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގެ މަސައްކަތްތައް ނިމުމުން މާފުށީގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދާއި އަދި އަލަށް ހިއްކާފައިވާ ސަރަހައްދުގައި ރައްކާތެރި ސާފު ބޯފެނާއި، ނަރުދަމާގެ ހިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.