އިރާނާއި އެމެރިކާގެ ދެވަނަ މަޝްވަރާ ބައްދަލުވުން ނިންމާލައިފިއެވެ.

އިރާނާއި އެެމެރިކާއިން ނިއުކްލިއާ މައްސަލައިގައި މަޝްވަރާކުރަން ފަށާފައިވާ އިރު، އެ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އޮތީ އޮމާންގައި މިމަހުގެ ކުރީކޮޅުއެވެ.

މަޝްވަރާގެ ދެވަނަ ބައްދަލުވުން އިއްޔެ ސްވިޒަލެންޑުގެ ޖެނީވާގައި ބާއްވާފައިވާ އިރު، އެ ބައްދަލުވުން ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައި ކަމަށް އޮފިޝަލުން ބުނެއެވެ.

އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ ވިދާޅުވީ ދެ ގައުމުން ބޭއްވި ދެވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައިގަނޑު ކަންކަމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ގިނަ މަސައްކަތްތަކެއް އަދި ކުރަން އޮތް ކަމަށް އަރާޗީ ވަނީ ފާހަގަ ކުރައްވައިފައެވެ.

އިރާނުން މަޝްވަރާގެ ބައެއް މައުލޫމާތު ހިއްސާކޮށް ކޮމެންޓުކޮށްފައިވާ އިރު، އެމެރިކާއިން އަދި މިހާތަނަށް އެކަމުގައި ވާހަކަ ދައްކާފައެއް ނުވެއެެވެ.

އިރާނާއި އެމެރިކާގެ މަޝްވަރާ ބައްދަލުވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަނީ ބޮޑަށް ގަބޫލުކުރެވެނީ އިރާނުން ބޭނުން ވަނީ ނިއުކްލިއާ މައްސަލައިގައި ޑީލެއް ހެދުމަށް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާ އާއި އިރާނުން މަޝްވަރާ ކުރިއަށް ގެންދާއިރު އެމެރިކާއިން ވަނީ އިރާނަށް ބިރު ދެއްކުމުގެ ގޮތުން އެމެރިކާ ސިފައިންނާއި މަނަވަރުތައް އިރާނާ ގާތަށް މެދުއިރުމައްޗަށް އެއްކުރަން ފަށައިފައެވެ.