ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގެ ރީރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ އެ ވޯޓުލުން އޮންނާނީ ކުރިއަށްއޮތް "ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026" ބޭއްވުމަށް އެ ކޮމިޝަނުން އިއުލާނުކޮށްފައިވާ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ކަމަށެވެ. އަދި މި ވޯޓުގެ ރަސްމީ ނަތީޖާ އިއާލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

މި ވޯޓުނެގުމުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެ ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ޗެކްކުކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID ޖެހުމަށް ފަހު 1414 އެސްއެމްއެސް ފޮނުވުމުން ޗެކްކުރެވޭނެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ނިންމާފައިވަނީ އިއްޔެއެވެ.