މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރުން އެމްޓީސީސީ ފެރީ ޓާމިނަލާ ހަމައަށް އެ މަގު ތަރައްގީކުރަން ނިންމައިފިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 21 ގައެވެ.

އެ މަގު ހުޅުވާލުމަށް އިއްޔެ ހަވިރު ވަނީ އެ މަގުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. މާލޭގެ ބޮޑުތަކުރުފާނު މަގު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ދަތުރުފަތުރަށް ހުޅުވާލީ ރޭ ފަތިހު 5:00 ގައެވެ.

16 ފެބްރުއަރީ 2026: މާލެ ބޮޑުތަކުރުފާނުމަގު ޒަމާނީފެންވަރަށް ތަރައްގީކޮށް ނިންމައި ހުޅުވާލުން، ނޯތު ހާބަރު، އަތޮޅު ފިހާރަބަރި --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

އެ ހަރަކާތަށްފަހު އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ މާލޭގެ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ރަސްމީ ފާލަމުން ފެށިގެން ހެންވޭރުން އެމްޓީސީސީ ފެރީ ޓާމިނަލާ ހަމައަށް، ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ފަށައި، އަންނަ އޭޕްރީލް ނުވަތަ މެއި މަހަށް ނިމޭނެ ކަމަށެވެ.

ރަމަޟާން މަސް ކުރިއަށް އޮއްވައި މިހާރު ނިންމާފައިވާ ސަރަހައްދުގެ މަސައްކަތްތަކަށް ދިމާވި ގޮންޖެހުންތަކަށް އަލިއަޅުއްވާލަމުން ސައުދީ ވިދާޅުވީ، ކޮންމެ 24 ގަޑިއިރަކުން ނުވަ ގަޑިއިރު މަސައްކަތް ނުކުރެވި ދިޔަ ކަމަށެވެ.

"ސްޕީޑު މަޑުކުރަންޖެހުނު، މަޑުކުރަންޖެހުނު ބައި ކަވަރުކުރުމަށްޓަކައި ދިޔަވަރު ލިބުނު ގަޑީގައި، ހުރިހާ މުވައްޒަފުންވެގެން މަސައްކަތްކުރަމުންގެންދިޔައީ، އެމްޓީސީސީ ޓީމުގެ ހީވަގި މަސައްކަތުން،" ސައުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ އެ މަސައްކަތުގައި އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާއަށް ބޭނުންވާ ހުރިހާ ޕައިޕްލައިނެއް އަޅައި ނިންމި ކަމަށާއި ޑިވޯޓަރިންގެ ހުރިހާ ކަމެއްވެސް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ސްޓެލްކޯއަށް ބޭނުންވާ ކޭބަލްތަކާއި އުރީދޫ، ދިރާގު، ކޭބަލްނެޓް ފަދަ ކުންފުނިތަކުގެ ކޭބަލްސެޓްތައް ރައްކާތެރިކޮށް ބެހެއްޓޭނެ ގޮތަކަށް ތަރުތީބު ކޮށްފައިވާ ކަމަށް ސައުދީ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އެސްޓީއޯ، އެމްޕީއެލް، ވެމްކޯ، އެމްޑަބްލިޔުއެސްސީ، ސްޓެލްކޯ، އާރުޑީސީގެ އެހީތެރިކަން އެމްޓީސީސީއަށް ލިބުމަކީ އެ މަސައްކަތް ފުރިހަމަ މަސައްކަތެއްގެ ގޮތުގައި ނިންމުމަށް މަގުފަހިވި ކަމެއް ކަމަށް ސައުދީ ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ބޮޑު ތަކުރުފާނު މަގުގެ އެ ސަރަހައްދަކީ މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދެވެ. އެ މަގު ފުޅާކޮށް އާންމުންނަށް ހުޅުވާލި އިރު، މަގު ފެންނަނީ ވަރަށް ފުޅާކޮށެވެ. ކުރީން އެއްކޮޅަށް ދުއްވޭ ގޮތަށް އޮތް ނަމަވެސް، މިހާރު ދެކޮޅަށް ދުއްވޭ ގޮތަށް އޮތުމުން އެ ސަރަހައްދުގެ ޓްރެފިކަށް ފަސޭހަކަން ލިބޭނެއެވެ.