ބަންގްލަދޭޝްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބަށްފަހު، އެ ގައުމުގެ އާ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދައުވަތު އަރުވައިފިއެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު، ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ އުމުރުން 85 އަހަރުގެ މުހައްމަދު ޔޫނުސް ވަނީ އަންނަ އަންގާރަ ދުވަހު ބާއްވާ މި ރަސްމިއްޔާތަށް ރާއްޖޭގެ އިތުރުން ދުނިޔޭގެ 12 ގައުމެއްގެ ވެރިންނަށް ދައުވަތު ފޮނުއްވައިފައެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ގައުމީ މަޖިލީހުގެ ސައުތު ޕްލާޒާގައެވެ.
މި ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ނޭޕާލް އަދި ބޫޓާން ހިމެނެއެވެ. މީގެ އިތުރުން ޗައިނާ، ސައުދީ އަރަބިއްޔާ، ތުރުކީ، ޔޫއޭއީ، ގަތަރު، މެލޭޝިއާ އަދި ބުރުނާއީގެ ވެރިންނަށް ވެސް ވަނީ ދައުވަތު އަރުވާފައެވެ.
ނަމަވެސް، މި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަންނަވާނެކަން އަދި ސާފެއް ނުވެއެވެ.
ބަންގްލަދޭޝްގައި އާ ސަރުކާރެއް އެކުލަވާލުމަށް މި ތައްޔާރުވަނީ 2024 ވަނަ އަހަރު ކުރި ލޭއޮހޮރުވުން ބޮޑު މުޒާހަރާތަކުގައި ޝައިހް ހަސީނާގެ 15 އަހަރުވީ ވެރިކަން ވައްޓާލުމަށްފަހުއެވެ.
މިދިޔަ ހަފުތާގައި ބޭއްވި އިންތިހާބު ކާމިޔާބުކުރީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އިސްވެ އުފައްދާފައިވާ ކޯލިޝަނުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި އެ ކޯލިޝަނުން ކާމިޔާބުކޮށްފައިވާއިރު، އާ ބޮޑުވަޒީރަކަށް ވަޑައިގަންނަވަނީ ޚާލިދާގެ ދަރިކަލުން އަދި ޕާޓީގެ ޗެއާމަން ތާރިގް ރަހްމާނެވެ.
މި ކާމިޔާބީއަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން މަރުހަބާ ދަންނަވާފައެވެ.
މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުން ވަނީ ހަސީނާގެ އަވާމީ ލީގު މި އިންތިހާބުގައި ވާދަކުރުން މަނާކޮށްފައެވެ. އަދި މުޒާހަރާތަކުގައި މީހުން މެރި މައްސަލާގައި ހަސީނާގެ އައިރު ހާޒިރުގައި އޭނާގެ މައްޗަށް މިހާރު ވަނީ މަރުގެ ހުކުމް އިއްވާފައެވެ.
އާ ސަރުކާރު އެކުލަވާލާ ބީއެންޕީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ސިޔާސަތަކީ ހުރިހާ ގައުމުތަކަކާ ގުޅިގެން މަސައްކަތް ކުރުމެވެ. ހަސީނާއަށް އިންޑިއާއިން ހިމާޔަތް ދިން މައްސަލާގައި ދެ ގައުމުގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވި ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި މަރުހަބާގެ މެސެޖަށް އެ ޕާޓީން ވަނީ ޝުކުރު އަދާކޮށް، ގުޅުން ބަދަހިކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.
މުހައްމަދު އިޝާން
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް