ކ. މާފުށީގެ ފެނާއި ނަރުދަމާގެ ދެ ޕްރޮޖެކްޓެއްގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފި އެވެ.
އެ ދެ ޕްރޮޖެކްޓަކީ މާފުށީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އާއި އެރަށުގައި ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއު އެވެ.
މި ދެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އެވެ.
މިއަދު ހަވާލުކުރި އެ ދެ މަޝްރޫއު ވެސް 571 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ. ދެ ޕްރޮޖެކްޓްގެ އަގު އެއްކޮށްލުމުން 186 މިލިއަން ރުފިޔާއަށް އަރަ އެވެ.
މާފުށީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު
މި މަޝްރޫއުގެ އަގަކީ 57،402،888.14 ރުފިޔާ އެވެ.
މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަކީ އެ ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި, ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މި މަޝްރޫއު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން ހިމެނެއެވެ.
މާފުށީގައި ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއު
މި މަޝްރޫއުގެ އަގަކީ 128،605،793.86 ރުފިޔާ އެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާފުށި ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި, ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި, އައުޓް ފޯލް އެޅުމާއި އެރަށުގައި ހިއްކި ސަރަހައްދުގައި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ 102 ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން އިތުރުން މި މަޝްރޫއު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން ހިމެނެއެވެ.
އާއިޝަތު މާހާ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ