އެސްއެމްއީ ޑިޖިޓަލުން އެންމެ ހަތަރު މަސް ތެރޭގައި އެސްއެމްއީތަކަށް ބޭނުންވާނެ ހުރިހާ ފައިނޭންސިން ޕްރޮޑަކްޓްތަކެއް ތައާރަފުކޮށްފިއެވެ.

އެސްއެމްއީ ޑިޖިޓަލުން މިއަދު ތައާރަފުކުރީ އެސްޑީއެފްސީ ގަތުމަށްފަހު، ކުންފުނި ރީބްރޭންޑްކޮށް، ހަތަރު މަސް ދުވަހުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިން ޕްރޮޑަކްޓްތަކެކެވެ.

އެސްއެމްއީ ޑިޖިޓަލުން ބުނީ ރާއްޖޭގެ އިގުތިސާދުގެ މައިބަދައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވުމުން ގޭތެރޭގައި ކުރާ ކުދި މަސައްކަތްތަކުން ފެށިގެން ފުޅާވަމުން އަންނަ ގެސްޓްހައުސްތަކާއި، އަންހެން ވިޔަފާރިވެރިންގެ ހީވާގި މަސައްކަތްތަކަކީ ގައުމުގެ ކުރިއެރުމާ ގުޅިފައިވާ މުހިންމު ދާއިރާތަކެއް ކަމަށް ދެކޭ ކަމަށެވެ.

ނަމަވެސް، އެފަދަ ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ފުޅާކުރުމަށް އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އެކަށީގެންވާ ވަގުތުގައި އަދި ލުއި ގޮތެއްގައި ނުލިބުން ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.

އެ ހުސްކަން ފޫބެއްދުމަށްޓަކައި، އެސްއެމްއީ ޑިޖިޓަލް އިން ވަނީ ޝަރީއާ ހަމަތަކަށް ފެތޭ ފުރިހަމަ ފައިނޭންސިން ނިޒާމެއް ބިނާކޮށް، ވިޔަފާރި ފަށާ މަރުހަލާއިން ފެށިގެން ފުޅާކުރުމާ ހަމައަށް، ކޮންމެ މަރުހަލާއެއްގައިވާ ވިޔަފާރިތަކަށް އެހީތެރިވެދީ، އުންމީދީ އެއްވެސް ވިޔަފާރި ހިޔާލެއް ބާކީނުވާނެކަން ކަށަވަރުކޮށްދޭ ނިޒާމެއް ތައާރަފުކޮށްފައެވެ.

11 ފެބްރުއަރީ 2026: ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން --- ފޮޓޯ/ ބީއެމްއެލް

އެސްއެމްއީ ޑިޖިޓަލުން ބުނީ އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި ކުދި މަސައްކަތްތަކަށް، 100،000 ރުފިޔާއާ ހަމައަށް ފަސޭހައިން ލިބޭ ފައިނޭންސިން އެހީގައި އާ ހިޔާލުތައް އާމްދަނީ ލިބޭ ވިޔަފާރިތަކަށް ބަދަލުކޮށްދޭ ކަމަށެވެ. އަދި އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ހާއްސަ އިސްކަމެއް ދީގެން، ރަހުނަކާނުލައި 250،000 ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.

ވިޔަފާރި ފުޅާކުރުމަށާއި ހަރުމުދާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރާ އިރު، އޭގެ ތެރެއިން އެއް މިލިއަން ރުފިޔާއާ ހަމައަށް ރަހުނަކާނުލައި ފައިނޭންސް ލިބެއެވެ. ކަނޑުއުޅަނދުފަހަރު ބަނުމަށާއި ގަތުމަށް ހާއްސަ 'ވެސަލް ފައިނޭންސިން' ގެ ދަށުން ފަސް މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.

ޒަމާނީ ޑިޖިޓަލް އިގުތިސާދަށް އަމާޒުކޮށް، ކޮންޓެންޓް ކްރިއޭޓަރުންނާއި ފޮޓޯގްރާފަރުންނަށް ބޭނުންވާ ސާމާނު ހޯދުމަށް 500،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ހާއްސަ ފައިނޭންސިންއެއްވެސް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރެއިން 150،000 ރުފިޔާއާ ހަމައަށް އެއްވެސް ރަހުނަކާ ނުލައި ފައިސާ ލިބޭނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލުން ވަނީ އެހީތެރިކަން އިތުރުކޮށްފައެވެ. އެގޮތުން ހަ ކޮޓަރިއަށްވުރެ ގިނަ ގެސްޓްހައުސްތައް ތަރައްގީކުރުމަށާއި ފުޅާކުރުމަށް ދިހަ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.

އޭގެ އިތުރުން، ގިނަވެގެން ފަސް ކޮޓަރީގެ ހޯމްސްޓޭ ނުވަތަ ކުދި ގެސްޓްހައުސްތައް އަލަށް ފަށާ ފަރާތްތަކަށާއި މިހާރު ހިންގާ ކުދި ވިޔަފާރިތަކަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ފާހަގަކުރެއްވި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ކޮންމެ ފަންތިއެއްގެ ކުދި ވިޔަފާރިއަކަށްވެސް އެ ވިޔަފާރިއަކާ ގުޅޭ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ގޭގައި ކުރާ މަސައްކަތްތަކުން ފެށިގެން ބޮޑެތި އިންވެސްޓްމަންޓްތަކާ ހަމައަށް އެކަށީގެންވާ ހައްލުތަކެއް ހޯދައިދިނުމަކީ އަމާޒެއް ކަމަށާއި މިހާރު ތައާރަފުކޮށްފައިވާ ޝަރީއާގެ ހަމަތަކަށް ފެތޭ ފެސިލިޓީތަކުގެ ސަބަބުން ވިޔަފާރިތަކަށް އިތުބާރާއެކު ކުރިއަށް ދެވޭނެ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.

"މީގެ ސަބަބުން ގައުމުގެ އިގުތިސާދު ވަރުގަދަވެ، އިގުތިސާދަށް ކުރިއެރުން ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ،" ބަދުރުއްދީން ވިދާޅުވިއެވެ.

މިހާތަނަށް އެތައް ހާސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކަށް އެސްއެމްއީ ޑިޖިޓަލުގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރާއްޖޭގެ އިގުތިސާދު ތަރައްގީވަމުން އަންނަ އިރު، މިއީ ހުރިހާ ފަރާތްތަކަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ، އިގުތިސާދީ ހަރަކާތްތަކުގައި އެންމެން ބައިވެރިކުރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެސްއެމްއީ ޑިޖިޓަލުން ދެކެއެވެ.

އެސްއެމްއީ ޑިޖިޓަލުން ބުނީ ވިޔަފާރިވެރިންނަށް ބޭނުންވާ ހުރިހާ މާލީ ހިދުމަތްތަކެއް www.smedigital.mv ވެބްސައިޓް މެދުވެރިކޮށް ފަސޭހައިން ބަލައިލެވޭނެ ކަމަށާއި އަދި، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް އެ ފައިނޭންސިންތަކަށް އެދި ހުށަހެޅޭނެ ކަމަށެވެ.

މިއަދު އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިން ފޯރުކޮށްދޭ އެއް ތަނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަން، ވިޔަފާރި، ހިދުމަތް، އުފެއްދުންތެރި ސިނާއަތްތައް އަދި ގޭގައި ކުރާ މަސައްކަތްތައް ހިމެނޭހެން، އެކި ދާއިރާތަކުގެ ވިޔަފާރިވެރިންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހާއްސަ ހައްލުތައް ހިމެނެއެވެ.

ވިޔަފާރީގެ ކޮންމެ މަރުހަލާއަކަށްވެސް ހައްލެއް ލިބޭނެހެން، އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ބައްޓަންކޮށްފައިވަނީ ހުރިހާ ވިޔަފާރިއަކަށް އެއްގޮތަކަށް އަމަލުކުރުމުގެ ބަދަލުގައި، ކޮންމެ ބޭނުމަކަށް އެންމެ އެކަށީގެންވާ މާލީ ހޯދައިދިނުމުގެ މައްޗަށެވެ.