ސަރުކާރުން "ބޯހިޔާވަހިކަން އެންމެނަށް" ސްކީމަށް އަލަށް އިތުރުކުރި ދެ ކެޓަގަރީގެ އުސޫލު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިއުލާނުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ މަހުގެ ތެރޭގައި ފޯމު ހުށަހަޅަން ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ރޭ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ފުރުސަތު ހުޅުވާލެއްވުމަށް ނިންމެވީ ބިންވެރިކަން ނެތް އާއިލާތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.
"ރޯދަ މަހުގެ ކުރިން އުސޫލު އާންމު ކުރެވޭތޯ މަސައްކަތްތައް މި ގެންދަނީ. މާޗުމަހުގެ ކުރީކޮޅު ފޯމު ހުށަހެޅުމަށް ހުޅުވާލުމަށް ދަނީ މަސައްކަތްކުރަމުން. މީގެ މުޅި ވިސްނުމަކީ ބިންވެރިކަމެއް ނެތް އާއިލާތަކަށް އެ ފުރުސަތު ހޯދައިދިނުން." މިނިސްޓަރު ވިދާޅުވިއެވެ.
މި ސްކީމަށް އަލަށް އިތުރުކުރި ދެ ކެޓަގަރީގެ ތެރެއިން އެއް ކެޓަގަރީއަކީ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އަމިއްލަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، އަނެއް ފަރާތަށް ގޯއްޗަށް ކުރިމަތިލެވޭނެ ކެޓަގަރީއެކެވެ.
ދެވަނަ ކެޓަގަރީއަކީ "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން އެއްބަސްވާނަމަ އެ ބިން ދޫކޮށްލުމަށްފަހު ވަކިން ހުށަހެޅޭނެ ކެޓަގަރީއެކެވެ.
މިނިސްޓަރު ވިދާޅުވީ، އެއިން ކޮންމެ ދާއިރާއަކުންވެސް 1000 ގޯއްޗަށް ހުޅުވާލާނެ ކަމަށެވެ.
މިއިން ކޮންމެ ދާއިރާއަކުން 1000 ގޯއްޗަށް ހުޅުވާލާނެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ދާއިރާތައް އިތުރުކުރުމުގެ ބޭނުމަކީ ކޮންމެ އާއިލާއަކަށްވެސް ވަކިން ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމައިފައެވެ.
އަލީ ޔާމިން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު