ކުރިއަށްއޮތް ރަމަޟާން މަހަށް އޮންލައިންކޮށް ތަކެތި ގަންނަ ފަރާތްތަކުން، އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކަށް (ސްކޭމަރުން) ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރަކީ މާލެ ސަރަހައްދުގެ ރައްޔިތުންގެ އިތުރުން ގިނަ އަދަދެއްގެ މީހުން އަތޮޅުތެރެއިންވެސް މާލެ އައިސް އަދި އޮންލައިންކޮށްވެސް ތަފާތު ވިޔަފާރިތައް ކުރަމުންގެންދާ ދުވަސްވަރެކެވެ.
ފުލުހުން އިއްޔެ ހިއްސާކުރި ވީޑިއޯއެއްގައި، އެ މުއައްސަސާގެ ސީނިޔާ ސާޖަންޓް އަބްދުﷲ ޝަހުނީޒް ދެއްވި އިރުޝާދުތަކުގައި ވިދާޅުވީ ރޯދަމަހަށް ތައްޔާރުވުމަށް ތަކެތި ގަތުމުގައި ރައްޔިތުން އަވަދިނެތި އުޅޭ އިރު، ސްކޭމަރުން ދަނީ އެފަދަ ދަނޑިވަޅުތަކުގެ ފައިދާ ނަގަމުން ކަމަށެވެ.
"ރަމަޟާންމަހަށް ތައްޔާރުވުމަށް ގޭތެރޭގައި ގެންގުޅޭ އާލާތްތައް އާކުރުމާއި ކާބޯތަކެތި ގަތުމުގައި ވަރަށް ބުރަކޮށް އުޅޭ ދުވަސްކޮޅެއް. ފޭސްބުކް މާކެޓް ޕްލޭސް ފަދަ އޮންލައިން ވިޔަފާރިތަކުން ކުރާ ސްކޭމްތައް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަކުރެވޭ،" ޝަހުނީޒް ވިދާޅުވިއެވެ.
ޝަހުނީޒް ވިދާޅުވީ، ރޯދައަށް ތައްޔާރުވާ ތައްޔާރުވުމުގައި ކުރާ ވިޔަފާރީގެ ނާޖާއިޒް ފައިދާ ސްކޭމަރުން ނަގާކަން ވަރަށް ބޮޑަށް ފާހަގަވަމުންދާ ކަމަށެވެ. އެހެންކަމުން އޮންލައިން ވިޔަފާރިކުރާއިރު ފައިސާ ފޮނުވަނީ ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިއެއްތޯ ބެލުމަށް އިލްތިމާސްކުރެއްވިއެވެ.
"އިލްތިމާސްއަކީ ފަރުދުންގެ އެކައުންޓުތަކަށް ފައިސާ ނުފޮނުވުން ވިޔަފާރި ކުރާއިރުގައި. ވިޔަފާރި އެކައުންޓެއްތޯ ޔަގީންކުރުމަށްފަހު ފައިސާ ފޮނުވުން. އޭގެ އިތުރަށް މުދާ ލިބުނީމަ ނޫނީ ފައިސާ ދޫނުކުރެއްވުން،" އޭނާ ވިދާޅުވިއެވެ.
އެކަމުން ރައްކާތެރިވުމަށްޓަކައި އޮންލައިންކޮށް ވިޔަފާރިކުރާއިރު ޔަގީންކަން ނެތް ލިންކުތަކަށް ނުފިއްތުމަށާއި، އަމިއްލަ ބޭންކިން މައުލޫމާތާއި އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރަމަށް އަދި މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށް ފުލުހުން ތަކުރާރުކޮށް ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފާއިތުވި މަހުގައި އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ޑިސެމްބަރު މަހު ސްކޭމްތަކުގެ މައްސަލަ ވަނީ ގިނަވެފައެވެ. އެގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި ސްކޭމްގެ 179 މައްސަލައެއް ހުށަހަޅާފައިވާ އިރު، ސްކޭމްގެ މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ތަފާސްހިސާބުތަކުން ދައްކައެވެ.
އެންމެ ގިނަ ސްކޭމްތައް ހިންގާފައިވަނީ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމަށާއި، އެފަދަ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދި 44 މައްސަލައެއް، ފައިސާ މާރުކުރުމުގެ ފައިސާ ހޯދި 31 މައްސަލައެއްގެ އިތުރުން ފިޝިން ވިޝަން އަދި ވަޒީފާގެ ސްކޭމްތަކުގެ 16 މައްސަލައެއް، އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުގައި ބުންޏެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
އަޖައިބެއް. ތިޔަބުނާ ސްކޭމަރުން ހޯދާ، ހިފާ، ހައްޔަރުކޮށް އެފަދަ އެހެން މީހުންނަށް ޢިބުރަތަކަށް ވާވަރުގެ އަދަބެއް ދީބަލަ. އޭރުން އެ ނިމުނީ. ބަލަގަ ރައްޔިތުންގެ ސަލާމަތް ކަށަވަރުކޮށްދޭން ތިބިބަޔަކީ ކަލޭމެންނޭ.
ނުރަބޯ - 4 މަސް ކުރިން