ރަސްމީ އެއްބަސްވުން ތަކުގެ އެހީގައި ގުޅުން އިތުރަށް ބަދަހިކުރަން ޖަރުމަން ސަރުކާރާ ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޖަރުމަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރާއްޖެއާއި ޖަރުމަނާ ދެމެދު ރަސްމީ މަޝްވަރާތައް އިއްޔެ ވަނީ ކުރިއަށްގެންގޮސްފައެވެ.

ރާއްޖެއާއި ޖަރުމަނާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ، ޖަރުމަންގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގައި، އިއްޔެ ހެނދުނެވެ. ރައީސް މުއިއްޒާއި ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާ އިސްކޮށް ތިއްބަވައިގެން ކުރިއަށްގެންދެވި ރަސްމީ މަޝްވަރާގައި، ރާއްޖެއާއި ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލެއްވީ، ބައިނަލްއަގުވާމީ މައިދާންތަކުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ގައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ކަމަށެވެ.

މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު، ޖަރުމަނުގެ ރައީސްގެ ދައުވަތަކަށް، އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. ހަމަ އެއާއެކު، ރައީސް ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ދިމާވަނީ ރާއްޖެއާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ވަގުތާއެވެ.