އެހެން މީހަކު ޖަވާބުދާރީކުރުވަންދެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޑެއް ނުކުރައްވާ ކަމަށާއި އެ މަނިކުފާނު އަމިއްލަފުޅަށް މި ސަރުކާރު ޖަވާބުދާރީކުރުވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
އަލީ އާރިފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅު އެމްޑީޕީއަށް ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓުދޭން ޖެހޭނެ ކަމަށް އެ ޕާޓީގެ އިސްބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީއެވެ.
އެކަމަށް ރައްދު ދެއްވަމުން އަލީ އާރިފް ވިދާޅުވީ މިހާރުވެސް ސިލްސިލާގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ، އެކި ގިންތީގެ ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. އަދި މަދު މީސްކޮޅެއްގެ ބަދަލުގައި ރައީސް ވަޑައިގަނަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން މީހަކު އެކަން ކުރޭތޯ ރައީސް މަޑެއް ނުކުރައްވާ. ވަޒީރުންނާއި އެމްޑީން ގޮވައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތަށް ސީދާ ވަޑައިގެން، ރައްޔިތުންގެ ދަރުބާރުގައި ރައީސް އަމިއްލަފުޅަށް މި ސަރުކާރު ޖަވާބުދާރީ އެ ކުރުވަނީ،" އަލީ އާރިފް ވިދާޅުވިއެވެ.
އެމްޑީޕީގެ އެ ވާހަކަތަކާ ގުޅިގެން ރައީސް ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކައުންސިލްތަކުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި ކައުންސިލްތަކަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ސަރުކާރުގެ ފަށަލައެއް ކަމަށެވެ. އަދި ކައުންސިލްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށްބުނެ ކެމްޕޭނު ކުރާ ނަމަ، އެއީ ގޯހެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
އަލީ ރިފްޝާން
ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް
ޜައީސްއަކީ ސަރުކާރު. ސަރުކާރަކީ ރައީސް. އެހެރީ ޖަވާބުދާރީ ވެވިފައެއްނު!
ތޮއްޑޫ ނައިބޭގެ ސަރީއަތް. - 4 މަސް ކުރިން