ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ސެމީ ފައިނަލާއެކު، ރާއްޖޭގެ ފުޓްސަލްގައި މިވަގުތު އޮތް އެންމެ ގަދަ ހަތަރު ޓީމު ޔަގީންވެއްޖެެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޝަރަފުވެރި ފައިނަލެއްގެ އިންތިޒާރުގައި މިފަހަރު އޮތީ، މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ހދ. ނައިވާދުއާއި 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށީގެ އިތުރުން ގއ. ދެއްވަދޫ އަދި ވިލިމާލެއެވެ.

ސެމީގައި ވާދަކުރާ ހަތަރު ޓީމަކީވެސް ޒޯން ކާމިޔާބު ކޮށްފައިވާ ވަރުގަދަ ހަތަރު ބާރެވެ. އޭގެ ތެރެއިން ދެޓީމަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޝަރަފުވެރި ފައިނަލް ކުޅުމުގެ ފަހުރު ހޯދިފައި އޮތް ނަމަވެސް، ދެން އޮތް ދެޓީމުން މަސައްކަތް ކުރަނީ މުޅިން އާ ހަރުފަތަކަށް ދާށެވެ. ޔަގީނުންވެސް މިފަހަރު މުޅީން އަލަށް ޓީމެއް ފައިނަލްގައި ކުޅޭނެއެވެ.

ނައިވާދުއާއި އޭދަފުށި ސެމީގައި ވާދަކުރާ އިރު، އަނެއް ސެމީއަށް ނުކުންނަ ދެޓީމަކީ ދެއްވަދުއާއި ވިލިގިއްޔެވެ. ދެއްވަދުއާއި ވިލިގިލީގެ މެޗުން މުޅިން އާ ޓީމެއް ގޯލްޑަންގެ ތާރީހުން ޖާގަ ހޯދައި، ފައިނަލަށް ދަތުރުކުރާނެއެވެ.

ބ. އޭދަފުށި - ހދ. ނައިވާދޫ (20:00، ގްރައުންޑް 1)

އޭދަފުށިން ސެމީ ޔަގީންކޮށް އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ދެޓީމަކީވެސް ގޯލްޑަންގެ ތާރީހުގައި ތާރީހެއް އޮތް ދެޓީމެވެ. އޭދަފުށިން 2019 ވަނަ އަހަރު މުބާރާތުގެ ފައިނަލުގައި ކުޅުމުގެ އިތުރުން 2024 ވަނަ އަހަރު ފައިނަލުގައިވެސް ކުޅެފައިވެއެވެ. 2024 ވަނަ އަހަރަކީ އޭދަފުށިން ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދި އަހަރެވެ. އެ ތާރީހު އަލުން އިޔާދަކުރުމަކީ އެޓީމުގެ ޓާގެޓެވެ. އެހެން ނަމަވެސް، އެކަން ފަސޭހަ ނުވާނެ ސަބަބަކީ އަނެއްކޮޅުން ނުކުންނަ ނައިވާދޫއަކީ ކާމިޔާބީ ތަކުރާރު ކުރަން ނުކުންނަ ޓީމަކަށްވާތީއެވެ.

ނައިވާދޫން މިދިޔަ އަހަރު ގޯލްޑަންގެ ފައިނަލް ކުރުމުގެ ޝަރަފު ހޯދި އިރު، އެޓީމަށް ތާރީހީ ތަށްޓާ ހަމައަށް ވާސިލު ނުވެވުނީ ފޯމުގައި އޮތް ކ. ކާށިދޫގެ ސަބަބުންނެވެ. ފައިނަލަށް ދިޔުން އެއީ ނައިވާދޫގެ ތާރީހަށް ލިބުނު ބޮޑު ކާމިޔާބީއެއް ނަމަވެސް، އެޓީމުން އެހިސާބުން ހުއްޓާލަން ބޭނުން ނުވާކަން، ނަތީޖާތަކުން ހެކިދެއެވެ. އަދި މިއީ ނައިވާދޫއަަށް ޖެހިޖެހިގެން ދެ ފައިނަލް ކުޅުމުގެ ޝަރަފު ހޯދަން ލިބޭ ބޮޑު ފުރުސަތެކެވެ. މީގެ ކުރީން އެ ޝަރަފު ހޯދާފައިވާ ދެޓީމަކީ ލ. ގަމާއި ތ. ތިމަރަފުއްޓެވެ.

ނޮކްއައުޓް ސްޓޭޖުގެ ނަތީޖާތައް - އޭދަފުށި

ގަދަ 16 : މައްޗަންގޮޅި 0-1 އޭދަފުށި

ކުއާޓާ ފައިނަލް: ދުވާފަރު 4-6 އޭދަފުށި

ނޮކްއައުޓް ސްޓޭޖުގެ ނަތީޖާތައް - ނައިވާދޫ

ގަދަ 16: ނައިވާދޫ 2-1 ދިއްގަރު

ކުއާޓާ ފައިނަލް: ނައިވާދޫ 4-2 މަތިވެރި

ގއ. ދެއްވަދޫ - ވިލިމާލެ (22:00، ގްރައުންޑް 1)

ދެއްވަދޫން ކުޅުނު ކުއާޓާ މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިރޭގެ ސެމީ ފައިނަލަކީ ދެއްވަދޫގެ ކުޅިވަރު ތާރީހުގައިވެސް އެންމެ ބޮޑު ރެޔަށް ވާނެއެވެ. މިއީ އެ ރަށުގެ ތާރީހުގައިވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އެޓީމުގެ ފެންވަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. ތ. ތިމަރަފުށި ކަޓުވާލުންވީ ދެެއްވަދޫން ދިން "ސްޓޭޓްމެންޓް" އެކެވެ. ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައިވެސް ދެއްވަދޫގެ ރޯލް ބޮޑުކޮށް ފެނުނު އިރު، އެ ކުޅުންތެރިން އެނބުރި އައިސް ޓީމުގައި ދައްކަނީ ތަފާތު ރޫހެކެވެ.

އެހެން ނަމަވެސް، ސެމީ ފަސޭހަ ނުވާނެކަން އެނގެނީ ވިލިމާލޭގެ ފޯމުންނެވެ. ވިލިމާލެ ފެންނަނީ މުޅީން ތަފާތު ރޫހެއްގައެވެ. މާލޭ ޒޯންގެ ފެށުން ގޯސްކޮށް ދިޔަ ނަމަވެސް، މިއީ އެޓީމަށް މުޅިން އާ ހަރުފަތެކެވެ. ވިލިމާލެއިން މީގެ ކުރިން ގޯލްޑަންގެ ފައިނަލުގައި ކުޅެފައި ނުވި ނަމަވެސް، މިއީ ތާރީހު ބަދަލުކޮށްލަން ލިބޭ މުހިއްމު ފުރުސަތެކެވެ. ރާއްޖޭގެ ފުޓްސަލްގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ އެޓީމުގެ ތަރީންގެ ކެރިއަރުގައި މިރެއަކީ އެންމެ ބޮޑު ރޭވެސް މެއެވެ.

ނޮކްއައުޓް ސްޓޭޖުގެ ނަތީޖާތައް - ދެއްވަދޫ

ގަދަ 16: ދެއްވަދޫ 4-2 ކެޔޮދޫ

ކުއާޓާ ފައިނަލް: ދެއްވަދޫ 8-6 ތިމަރަފުށި

ނޮކްއައުޓް ސްޓޭޖުގެ ނަތީޖާތައް - ވިލިމާލެ

ގަދަ 16: ވިލިމާލެ 9-8 ގާފަރު

ކުއާޓާ ފައިނަލް: ވިލިމާލެ 5-1 ކުޑަހުވަދޫ