ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާއެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ، ބިލާ ދެކޮޅަށް އިހުތިޖާޖުކުރި އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުމުން ނެރުމަށް 9:45 އެހާކަންހާއިރު މެދުކަނޑާލައި ޖަލްސާ އަލުން ފެށުމަށްފަހު، 10:30 ގައި ހުސްވަގުތުކޮޅަކަށް މެދުކަނޑައިލުމަށްފަހު، 11:00 ގައި ފަށައި ޖަލްސާގެ ދެވަނަ ދަންފަޅީގައެވެ.

އޭރު އެމްޑީޕީ މެންބަރުން ވަނީ އެ ބިލް ފާސްކުރަން ނަގާ ވޯޓު ބޮއިކޮޓްކޮށްފައެވެ.

މި ޖަލްސާގައި ބިލް ފާސްކުރީ، މަޖިލިސް ރިޔާސަތުގައި އިންނެވި ފޮނަދޫ ދާއިރާގެ މެންބަރު އަބްރުއްރަހީމް އާއެކު، ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން ޕީއެންސީގެ 72 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ވޯޓުގައި ރިޔާސަތަށް ބައިވެރިވެވޭގޮތަށް އޮތް ކަމަށް ވިދާޅުވެ، ބިލް ފާސް ކުރުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވޯޓު ދެއްވިއެވެ.

ބިލް ފާސްްނުކުރަން ވޯޓު ދެއްވީ ޖަލްސާގައި އިންނެވި ޕީއެންސީއަށް ނިސްބަތްނުވާ ހަމައެކަނި މެންބަރު، މިނިވަން މެންބަރު އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާނެވެ.

ދައުރުން ބޭރުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

ހަމަ އެ ދުވަހު ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވައިގެން ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވިއެވެ. އެ ޖަލްސާގައި ބިލު ބަލައިނުގަތުމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ ފަސް މެންބަރުން ކަަމަށްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލެވެ.

މި ބިލުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްފިނަމަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ، 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށް 20 ވަނަ މަޖިލީހުގެ ދައުރު ހަމަވާނެއެވެ.

މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުއެވެ.

މި ބިލް ފާސްވުމާ ގުޅިގެން ދެ އިންތިހާބު ބައްވަން ފެނޭތޯ ބެލުމުގެ ރެފަރެންޑަމް އަންނަ އޭޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު ބާއްވާނެއެވެ.

މި ބިލް ދިރާސާ ކުރުމުގެ މަރުހަލާގައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއެކު ބޭއްވި ބައްދަލުވުމުގައި، މި ބިލު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމުން، ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، ކެބިނެޓާ މަޝްވަރާ ކުރެއްވުމަށްފަހު އެކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޕަބްލިކް ރިފަރެންޑަމް އަކަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ނަމަވެސް އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްވުމުން ތަސްދީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ހިސާބުން، ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައިގަންނަވާ ކެބިނެޓްގެ ލަފަޔާ އެއްކޮށް ގަރާރެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން، އެ ގަރާރުގައި ސަރުކާރުގެ ފަރާތުން މި ރެފަރެންޑަމް ބާއްވަން އެދޭ ތާރީހެއް އޮންނަން ޖެހޭ، އެހެންވީމަ އެ ތާރީހެއް ކެބިނެޓުގެ ލަފަޔައެކު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ގަރާރުގައި އޮންނާނެ،" އޭޖީ އެ ދުވަހު ވިދާޅުވިއެވެ.

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާއެކު، އެކަމާބެހޭ ރެފަރެންޑަމްގެ ވޯޓުލުން ބާއްވަން، ބިލް މަޖިލީހަށް ހުށަހެޅުއްވި، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާއި އެ ޕާޓީގެ އިސް ބައެއް ފަރާތްތަކުން ވެސް ވަނީ ވާހަކަ ދައްކައިފައެވެ.

ބިލާބެހޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ކޮމިޓީން ބައްދަލު ކުރުމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމާ މެެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބަލަން ބާއްވަން ޖެހޭ ރެފަރެންޑަމް ލޯކަލް ކައުންސިލް އިންތިހާބާ އެކު ބޭއްވޭނީ މި ބިލުގެ މަސައްކަތް މިމަހުގެ 18 ގެ ކުރިން ނިންމައިގެން ކަމަށެވެ.