އިސްލާމިކް މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭ އިދާރާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު އަލީ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ އަޑުއެހުމަކަށް ހާޒިރުނުވެގެން އެ މިނިސްޓްރީ 700 ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން މިރޭ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ހެދިފައިވާ އެންމެހައި ގާނޫނުތަކަށް އިޙުތިރާމްކުރާ އިދާރާއެއް ކަމަށެވެ.

"މިހާތަނަށް ވެސް މިނިސްޓްރީއަށް ހުށަހެޅެމުންދާ އެންމެހައި ހުށަހެޅުންތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދެމުންދާ ވުޒާރާއެއް. މީޑިއާ އާ ނުހަނު ގާތްކަން ބާއްވާ ވުޒާރާއެއް. ވުޒާރާ ދެމި އޮންނާނީ އެގޮތުގަ." މިނިސްޓަރާ ހަވާލާދީ ކޮށްފައިވާ އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އައިކޮމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މައުލޫމާތު ހޯދުމަށް ހުށަހެޅި ދެ ހުށަހެޅުމަކަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ނުދީގެން ދެ ޝަކުވާއެއް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ޝަކުވާތައް ބަލަން މިދިޔަ އަންގާރަ ދުވަހު ބައްދަލުވުމެއް ތާވަލު ކުރުމުން އެ އަޑުއެހުން ފަސްކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދުމުން އެ ބައްދަލުވުން އިއްޔެއަށް ތާވަލުކުރި ކަމަށް ވެސް ބުނެފައިވެއެވެ.

އެ ބައްދަލުވުމަށް ވެސް ހާޒިރުވެވެން ނެތް ކަމަށް މިނިސްޓްރީން ބުނުމުން މިއަދަށް އެ ބައްދަލުވުން ތާވަލުކުރި ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް ސަބަބެއް ނާންގައި މިއަދަށް ތާވަލުކުރި ބައްދަލުވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ބައްދަލުވުން ކެންސަލްކުރަން ޖެހުނެވެ.

އައިކޮމްއިން ބުނީ އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ ގާނޫނީ ވާޖިބު އަދާކުރަން އެޅުނު ހުރަހެއް ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު ބުނާގޮތުން، އައިކޮމް އިން ބާއްވާ ބައްދަލުވުމަށް މަގުބޫލު ސަބަބަކާ ހުރެ ހާޒިރުވެވެން ނެތް ނަމަ، އެ ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން އަންގަން ޖެހެއެވެ.

ނަމަވެސް، އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކުރީ އެއާ ހިލާފުވެފައިވާތީ ކަމަށްވެސް އައިކޮމް އިން ވަނީ ބުނެފައެވެ.