ކައްކާ ގޭހުގެ ސަޕްލައިއަށް އައިސްފައިވާ ބަދަލު ރޯދައިގެ ކުރިން ހައްލުކޮށް ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސްފުޅި ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިރޭ "ވަން"އަށް ވިދާޅުވީ މޯލްޑިވް ގޭހުން މިހާރު 7 ކިލޯގެ ގޭސް ވިއްކަމުންދަނީ ދުނިޔޭގެ ސަރަހައްދީ ބާޒާރަށް އައި "ލޮޅުން"ތަކަކާ ގުޅިގެން ކަމަށެވެ.

އަދި އެފަދަ ލޮޅުންތަކުގެ ސަބަބުން މީގެކުރިންވެސް ސަޕްލަޔަރުން ރޭޝަންކޮށް ގޭސް ވިއްކާ ކަމަށެވެ. ނަމަވެސް ރޯދައިގެ ކުރިން އެ މައްސަލަ އެކަށް ހައްލުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މޯލްޑިވް ގޭހުން މިހާރު ވިއްކަމުންދަނީ 7 ކިލޯގެ ގޭސް ފުޅި ޑިސްކައުންޓް އަގެއްގަ އެވެ. މޯލްޑިވް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަސް ފެށެނީ މި މަހު 18ގަ އެވެ.