މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން "ސާބަސް ޔަންމާ ޕްރޮމޯ 2026" އިފްތިތާހުކޮށްފިއެވެ.

އެ ޕްރޮމޯ ފަށާފައިވަނީ މޯލްޑިވްސް މެރިން އެކްސްޕޯގެ ހަވާސާގައި އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ ޕްރޮމޯ ފައްޒަވައިދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްސީދެވެ. އެ ހަފުލާގައި އެމްޓީސީސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޔަންމާ އިންޖީނު ވިއްކުމެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮމޯގެ ދަށުން ކޮންމެ ޔަންމާ އިންޖީނަކަށް އަށް ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި އެ ޕްރޮމޯގައި ބައިވެރިވުމަށް ދިހަ ޕަސެންޓްގެ ބުކިން ފީއެއް، އަންނަ މަހުގެ 31 ގައި ނުވަތަ އެ ދުވަހުގެ ކުރިން ދައްކައި، އިންޖީނު އޯޑަރު ޔަގީންކުރަން ޖެހޭނެ ކަމަށެވެ.

އެމްޓީސީސީއަކީ "މޯލްޑިވްސް މެރިން އެކްސްޕޯ 2026"ގެ ކޯ ސްޕޮންސަރެކެވެ. މއެ އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލުން އާ މެރިން އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފުކުރާނެއެވެ. އަދި އެމްޓީސީސީގެ ވިޔަފާރީގެ ބައިވެރިން ކަމަށް ޔަންމާއާއި، ކާސްޓްރޯލް ކުންފުނިތަކުގެ އިސްވެރިންނާއެކު ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެ، އަގުހުރި މައުލޫމާތުތަކެއް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން އެމްޓީސީސީ ކަށަވަރު ފޭސްބުކް ޕޭޖު މެދުވެރިކޮށް ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފައެވެ. އެ ލަކީ ޑްރޯ ކާމިޔާބުކުރާ ފަރާތުގެ ނަން މިއަދުމޯލްޑިވްސް މެރިން އެކްސްޕޯގެ ހަވާސާގައި އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް އެ ކުންފުނިން އަބަދުވެސް ރާވައި ހިންގަމުންގެންދެއެވެ.