ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު، ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލެއްވުމަށް މިއަދު ރައީސް ވަނީ މަސްމާރުކޭޓު ސަރައްހައްދުގައި މަގު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެންފައި ކަމަށެވެ.

އެތަނަށް ވަޑައިގެން ރައީސް ވަނީ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމެންޓުގައި ހަދާނީ މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދަށް ކަމަށެވެ. އެ ސަރަހައްދުގެ މަގު ފުޅާކޮށް، ތާރު އަޅާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ އަމާޒަކީ ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާލުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ނުވަވަނަ ދުވަހުގައެވެ.