ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ސަނީ ޑިއޯލް، މަޝްހޫރު ފިލްމު 'ކިލް' ގެ ޑައިރެކްޓަރު ނިކިލް ނާގޭޝް ބަޓް އާ އެކު އާ އެކްޝަން ފިލްމެއްގައި މަސައްކަތް ކުރަން ސޮއިކޮށްފިއެވެ.
އުމުރުން 68 އަހަރުގައި ވެސް ސަނީ އަންނަނީ ބޮކްސް އޮފީހުގައި އޭނާގެ ބާރުގަދަކަން ދައްކަމުންނެވެ. އެގޮތުން އޭނާގެ އެންމެ ފަހުގެ ކާމިޔާބު ފިލްމު 'ބޯޑަރ 2' އަށް ބޮކްސް އޮފީހުގައި 280 ކްރޯޑް ރުޕީސް ލިބިފައިވާއިރު، މިއީ އޭނާގެ މަގުބޫލުކަން ދަށަށް ނުދާކަމުގެ ހެއްކެކެވެ. އެތައް އަހަރެއްގެ މާޒީއެއް އޮތް ނަމަވެސް، ސަނީގެ އެކްޝަން ހީރޯގެ ސިފަތަކަށް އޮތް ތަރުހީބު އަދިވެސް އަންނަނީ އިތުރުވަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، 'ކިލް' ފަދަ ވަރުގަދަ އެކްޝަން ފިލްމެއް ގެނެސްދިން ނިކިލް އާއި ސަނީ ގުޅިގެން އުފައްދާ މި ފިލްމަކީ "ހައި-އޮކްޓޭން" އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ މަސައްކަތް އަމަލީ ގޮތުން ފަށަން ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. ފިލްމުގެ ތަފްސީލުތައް ސިއްރުކޮށްފައިވީ ނަމަވެސް، މަސްދަރުތަކުން ބުނާ ގޮތުގައި މިއީ ވަރަށް "ރޯ އެންޑް ރިއަލް" ނުވަތަ ހަގީގީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ، ސަނީ މުޅިން ތަފާތު ސިފައެއްގައި ފެނިގެންދާނެ ފިލްމެކެވެ.
މި ފިލްމު އުފެއްދުމަށް ހަމަޖެހިފައިވަނީ ދެކުނު އިންޑިއާގެ މަޝްހޫރު ސްޓޫޑިއޯއަކާއި ހިންދީ ފިލްމު އުފައްދާ ބޮޑު ކުންފުންޏަކުން ގުޅިގެންނެވެ. ސަނީ ވެސް ހުރީ ނިކިލްގެ ޑައިރެކްޝަނުގެ ދަށުން މި އާ ދުނިޔެއަށް ވަދެ، ތަފާތު އެކްޝަންތަކެއް ދައްކާލުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައި ކަމަށް ރިޕޯޓްތައްބުނެއެވެ.
ކުޅިވަރު
އިރާން
ބޮލީވުޑް
ދުނިޔެ