ކޯޗުންގެ ގޮތުންނާއި ކުޅުންތެރިންގެ ގޮތުން ރާއްޖޭގެ ފުޓް ބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ މަޝްހޫރު ކޯޗުން ކަމަށްވާ އަލީ ސުޒޭން އާއި މުހައްމަދު ނަޒީހުގެ ބައްޕަ، ހަސަން އަލީ ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ހަސް އަލީ އަކީ ސުޒެއިނާއި ނަޒީހު ފަދައިން ރާއްޖޭގެ ކުޅިވަރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީން ހިދުމަތްތެރިއެވެ.

އުމުރުން 78 އަހަރުގެ ހަސަން އަލީ ފާހަގަ ކޮށްލެވެނީ ފުޓް ބޯޅަ އާއިލާއެއްގެ ބައްޕައެއްގެ ގޮތުގައެވެ.

ސުޒޭން އާއި ނަޒީހުގެ އިތުރުން އޭނާގެ ދަރިން ކަމަށްވާ އިބްރާހިމް ޝިނާޒްއާއި ކުޅަދާނަ ގޯލްކީޕަރު ޓްރެއިނަރު، އަހުމަދު ރިޔާޒް (ގާނާ) އަކީވެސް އޭނާގެ ދަރިންނެވެ.

ހަސަން އަލީގެ ކުޅި ވަރުގެ ހިދުމަތްތަކިގެ ތެެރެއިން ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ފެނިގެންދިޔަ، ކްލަބް އީގަލްސްގެ މަސްއޫލުވެރިއެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މާފަންނުގައި އީގަލްސްގެ ހަރަކާތްތައް ފަށައިގަތުމުގައި އިސްކޮށް އުޅެ، ހަސަން އަލީ ވަނީ 1980ގެ ފަހުކޮޅު އީގަލްސް ރެޖިސްޓްރީކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފަ އެވެ. އެކި ކުޅިވަރުތަކުގައި ޝާމިލުވެ އުޅުނު ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ވެސް ހަސަން އަލީ ފާހަގަކޮށްލެވެއެވެ.

ހަސަން އަލީ ގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދުގެ ފަހުގައި، މއ. އާސަހަރާ މިސްކިތުގައެވެ.