ޕާކިސްތާނުގެ މިސްކިތް ގޮވާލި ހާދިސާގައި މަރުވި މީހުންގެ އަދަދު 36 އަށް އަރައިފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ހުންނަ އެ މިސްކިތުގައި ހުކުރު ނަމާދު ކުރިޔަށް ދިޔަވަގުތު މީހަކު ޖާނުން ފިދާވެގެން ދިން އެ ހަމަލާގައި މަރުވި މީހުންގެ އަދަދު 36 އަށް އަރާފައިވާ އިރު، 170 މީހުންނަށް އެކިވަރުގެ އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްލާމްއާބާދުގެ ތާލައި އޭރިއާގައި ހުންނަ ޝީއީންނަށް ނިސްބަތްވާ އެ މިސްކިތުގައި ގޮއްވާލާފައިވަނީ ގައިގައި ބޮމެއް ހަރުކޮށްގެން މިސްކިތްތެރެއަށް ވަދެ ގޮއްވާލައިގެން ކަމަށް ފުލުހުން ބުނެއެވެ. މިސްކިތުގައި ގޮއްވާލި ވަގުތު 400 އެއްހާ މީހުން ނަމަދު ކުރަމުންދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލުހުން ބުނީ އެމީހާ މިސްކިތަށް ވަން ވަގުތު ދޮރު ކައިރިން ހުއްޓުވާފައިވާ ކަމަށާއި ނަމަވެސް އޭނާއަށް އެތެރެއަށް ވަދެވުނު ވަގުތު ގޮއްވާލީ ކަމަށެވެ.

މިސްކިތަށް ދިން އެ ހަމަލާއަށްފަހު އަނިޔާވި މީހުންތަކަށް ފަރުވާދިނުމަށް އެ ސަރަހައްދުގެ ހޮސްޕިޓަލުތަކަށް ގެންގޮސްފައިވާ އިރު، އެ އަވަށުގައި ވަނީ އިމަޖެންސީ އިއުލާންކޮށްފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހަބް ޝަރީފް ވަނީ އެ ހަމަލާ ކުށްވެރިކުރައްވައި ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ މިސްކިތަށް ދިން ހަމަލާގެ ޒިންމާ އެ ގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓުން ނަގައިފައެވެ. އޭގެ އިތުރުން އެ ހަމަލާއާ ގުޅުން ހުރި ހަތަރު މީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފައިވާ އިރު، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހަމަލާގެ ތަހުގީގު ފަށައިފައެވެ.