ހުޅުމާލޭގައި ހަދާ އިންޑޯ ފުޓްސަލް ސްޓޭޑިއަމްގެ މަސައްކަތް އޭޕްރީލް މަހު ފެށުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އެހެން ވިދާޅުވެފައިވާ އިރު، ބައިނަލްއަގުވާމީ މުބާރާތްތަކަށް ތަމްރީނުތައް ހެދުމަށް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ރާއްޖޭގައި އިންޑޯ ފުޓްސަލް ދަނޑެއް ނެތުމެވެ.
ދާދިފަހުން ތައިލެންޑުގެ ބެންކޮކްގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ވެސް ފަރިތަކުރުންތަކަށް ރާއްޖޭގެ ގައުމީ ޓީމު ދާން ޖެހުނީ ޗައިނާއަށެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް، ރާއްޖެއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ.
ރައީސް ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްގީކުރުމަކީ މި ސަރުކާރުން ނުހަނު މުހިންމުކަމެއް ދޭ ކަމެއް ކަމަށާއި އެގޮތުން ކުޅިވަރުގެ ދާއިރާއިން މިދިޔަ އަހަރު މި ސަރުކާރުން އަމަލީ މަސައްކަތް ފެށި ޖުމުލަ 33 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މި ސަރުކާރު ހަވާލުވި އިރު، ނުނިންމައި ހުރި 59 މަޝްރޫއެއް މިދިޔަ އަހަރު ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން، އެ ދާއިރާއިން 92 މަޝްރޫއެއް މިހާތަނަށް މި ސަރުކާރުން ވަނީ ނިންމައި ހަވާލުކޮށްފައި ކަމަށާއި އޭގެ އިތުރުން މި ސަރުކާރުން ފެށި ކުޅިވަރާއި ހަށިހެޔޮކަމުގެ 879 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އިންޓަނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ފުޓްސެލް ސްޓޭޑިއެމްއެއް ހިމެނޭހެން އިތުރު ހަތަރު އިންޑޯ ޓްރެއިނިން ޕިޗާއެކު ސްޓޭޓް އޮފް ދި އާޓް މަލްޓި ސްޓޯރީ ފުޓްސެލް ކޮމްޕްލެކްސަކާއި، އިންޓަނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ނެޓްބޯޅަ ސްޓޭޑިއެމެއް ހިމެނޭހެން އިތުރު ހަތަރު އިންޑޯ ޓްރެއިނިން ޕިޗާއެކު ސްޓޭޓް އޮފް ދި އާޓް މަލްޓި ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސެއް ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތްވެސް މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެން ދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރޭސިން އާއި ޑްރިފްޓިންއަށް ހާއްސަ އެރީނާ ގާއިމުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ފެށިގެން ކުރިއަށްދާނެ ކަމަށާއި މާލޭގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި، އިންލައިން ސްޕީޑް ސްކޭޓިން ނުވަތަ ރޯލާ ސްކޭޓިން ރިންގަކާއެކު ސްކޭޓް ޕާކް އެރީނާއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ގާއިމުކުރާ އެ ސްކޭޓް ޕާކް އެރީނާ ވެގެންދާނީ ރާއްޖޭގައި ސްކޭޓް ކުރުމުގެ ކުޅިވަރު ކުރިއެރުވުމަށް ގެނެވޭނެ ބޮޑު ކުރިއެރުމަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"80ގެ އަހަރަކުތަކުން ފެށިގެން ދިވެހިރާއްޖޭގައި ސްކޭޓް ބޯޑިން އަދި އިންލައިން ސްޕީޑް ސްކޭޓިންގެ އެކި ހަރަކާތްތައް ކުރިއަށްދިޔަ ނަމަވެސް އެކަށީގެންވާ ވަސީލަތެއް ގާއިމުކުރެވިފައި ނުވޭ. މި ސްކޭޓް ޕާކް އެރީނާ ގާއިމުކުރެވިގެންދަނީ ސަރަހައްދީ މުބާރާތްތައް ބޭއްވޭ ފެންވަރަށް. މި މަޝްރޫއު އެއްކޮށް ނިންމައި މިއަހަރުގެ މާޗް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ރަސްމީކޮށް ހުޅުވާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، މާލޭގައި އީ ސްޕޯޓްސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތާއި، އާކޭޑް ކުޅިވަރުތަކާއި ބޯލިން އެރީނާއަކާއި ކުޑަކުދީންގެ އިންޑޯ އެކްޓިވިޓީޒް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު