ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަމުން މުހައްމަދު މާދިން ލަތީފް ވެސް އިސްތިއުފާ ދެއްވައިފިއެވެ.

އެ އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން އޭނާ ބޯޑުން ވަކިވެފައިވަނީ އިއްޔެ އެވެ. ޕެންޝަން އޮފީހުގެ ބޯޑަށް މާދިން އައްޔަނުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 13ގަ އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ޝުޖާތާ ހަލީމް ވެސް އިއްޔެވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ޝުޖާތާ އިސްތިއުފާ ދެއްވިއިރު، ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން އުޅޭތީ، އެކަމާ ހިތްހަމަޖެހިވަޑައި ނުގެން ޕެންޝަން އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ފަސް ބޭފުޅަކު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެގޮތުން ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމުން އަހުމަދު އިނާޒު، މިމަހުގެ ފުރަތަމަ ދުވަހު އިސްތިއުފާދެއްވިއިރު، އެ އޮފީހުގެ ބޯޑު މެންބަރުގެ މަގާމުން ސަރުވަޝް އާދަމްވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިސްތިއުފާ ދެއްވައިފައެވެ. އަދި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފައުޖީވެސް ވަނީ މީގެކުރިން އިސްތިއުފާ ދެއްވައިފައެވެ.

ޕެންޝަން އޮފީހުން މިދިޔަ އަންގާރަ ދުވަހު ވަނީ 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ނިންމައިފައެވެ.