ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިސް ސާވިސް ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުސަތު އަންނަ މާޗް މަހު ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާފައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ގަވާއިދަކާ އެއްގޮތްވާގޮތުގެ މަތީން އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދިނުމަށް ހާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅުއްވާނެ ކަމަށެވެ.

"ހަމަ އެފަދައިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމް އަށް ބަދަލު ކުރުމުގެ ފުރުސަތު މިއަހަރުގެ މާޗް މަހުގެ 1 އިން ފެށިގެން އިރާދަކުރެއްވިއްޔާ ލިބިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގައިވެސް އަދުލުވެރިކަން ގާއިމުކުރުން ކަމަށާއި ދިވެހި ކޮންމެ ކުއްޖެއް ހަމަހަމަ ކަމަށެވެ. އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކުން އެ ކުއްޖާގެ ހައްގުތަކުން އެ ކުއްޖާ މަހުރޫމް ވެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެގޮތުން ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުން، ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ސިޔާސަތު އޭގެ އެންމެ ފުޅާ ގޮތުގައި ތަންފީޒު ކުރުމުގެ ހާއްސަ މަޝްރޫއެއް މިއަހަރު އިރާދަކުރެއްވިއްޔާ ހިންގަން ފަށާނަން. މިގޮތުން ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދޭނެ މުދައްރިސުން ލިބުމުގެ ދަތިކަމަކީ މިކަމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން. މިކަން ހައްލުކުރުމަށްޓަކައި، މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމުގެ ތެރެއިން، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރު ވާނީ ފަށާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމު މިއަހަރު އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ހާއްސަ ކްލާސްރޫމްތަކާއި، އެ ކުދިންގެ ހާލަތަށް ރިޔާއަތްކޮށް ޕްރައިވެސީ ލިއްބައިދޭގޮތަށް ފަރުމާކުރެވޭ ހާއްސަ ފާހާނާ ފަދަ ހާއްސަ އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތަކާއި، އުނގެނުމަށާއި އުގަންނައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޑިވައިސްތައާއި ކަމާބެހޭ އެހެނިހެން ވަސީލަތްތައް ނެތް ހުރިހާ ސްކޫލުތަކުގައި މިއަހަރު އެ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.

އޭގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި މާއްދާތަކުގެ ހާއްސަ ފޮތްތައް ތައްޔާރު ކުރުމާއި، އެކުދިންގެ ނުކުޅެދުންތެރިކަމާއި އެކަށީގެންވާ ގޮތެއްގައި އޯ ލެވެލްއަށް ތައްޔާރުވުމަށް ހާއްސަ މަސައްކަތްތަކެއް ރާވައި ތަންފީޒުކުރަން މިއަހަރު ފެށުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.