ޖިނާއީ ކުށްތަކަށް އަރައިގަންނަ ކުޑަކުދިން ރިހިބިލިޓޭޓްކުރާ ސެންޓަރު "ހޯޕް އައިލެންޑް" އަށް މިއަހަރު ގައިދީން ގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުށްކޮށްގެން ޖަލަށް ހުކުމް ކުރާ ފަރާތްތައް ޖަލުގައި ބަންދު ކޮށްފައި ތިބޭއިރު އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އިންތިޒާމުތައް ހުރިކަން ކަށަވަރުކުރުން ވަރަށް މުހިންމު ކަމަށެވެ.

ރައީސް ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ރާއްޖޭގައި ހުރި ޖަލުތަކުގެ ގިނަ ގޮޅިތަކުގައި ކުށްވެރިން އުޅެމުން ދިޔައީ ކަރަންޓްގެ ހިދުމަތްނެތި ކަމަށާއި ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހުރިހާ ޖަލުތަކެއްގެ ގޮޅިތަކަށް ކަރަންޓް މިހާރު ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޖަލަކީ ހަމައެކަނި އަދަބު ދިނުމަށް ގެންދެވޭ ތަނަކަށް ވުމުގެ ބަދަލުގައި، އެތަނަކީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ހެދުމަށް އިސްލާހީ ރިހިބިލިޓޭޝަންގެ ފުރުސަތުދެވޭ ތަނަކަށް ބަދަލުކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ.

"މިގޮތުން، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ގަވާއިދުން ބައިވެރިވެ އަހުލާގު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުން ޕްރޮގްރާމުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލުހުކުމުން އިތުރު ދުވަހެއް ކެނޑޭގޮތަށް މިހާރު ވާނީ ސިޔާސަތު ވަނީ ބަދަލުކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓުގައި، މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅާ، އެ ރަށުގައި ގައިދީންނަށް ދިރިއުޅެވި، މަސައްކަތްތައް ކުރެވޭ ގޮތަށް، ރީހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ރަށެއް ތަރައްގކުރުމަށް ނިންމައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

"އަދި މި ޖަލު ގާއިމުކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފަށައި، މި އަހަރުގެ ނިޔަލަށް އެތަނަށް ގައިދީން ލުމަށްވަނީ ޕްލޭންކޮށްފައި. މި ރަށަށް ގެންދެވޭނީ މިނިމަމް ސެކިއެރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ގައިދުކުރެވޭ ފަރާތްތައް. މި ފަރާތްތަކަށް ދަނޑުވެރިކަމާއި އެފަދަ އެހެން މަސައްކަތްތައް މިރަށުގައި ދަސްކޮށްދެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި ކުށްކުރަމުން ދިއުން ހުއްޓުވުމަށް އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު ވަނީ މާފުށީ ޖަލަށް ގެނެވިފައި ކަމަށެވެ. މި ސްކޭނަރު އިންސްޓޯލްކޮށް ތަމްރީނު ދެވި މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށާއި މީގެ ސަބަބުން، ޖަލުން ސްކޭމް ކޯލް ކުރުމާއި މި ބާވަތުގެ އެހެނިހެން ކަންކަން ހުއްޓުވުމަކަށް ގެނެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.