މިހާތަނަށް 3،460 ފަރާތަކަށް ފަހި ފުލެޓުގެ ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 3548 ގޯތީގެ ތެރެއިން މިހާތަނަށް 2781 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ހަވާލުކުރެވިފައި ކަމަށެވެ.

އޭގެ އިތުރުން، ހުޅުމާލެ ފޭސް 3 ގެ ފަޅުތެރެއިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތިތައް ހިކިފަސް ކޮށްދީ، އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާއި، 689 ފަރާތަކަށް ގޯތި ކަނޑައަޅައިދެވިފައިވާ ކަމަށާއި ގިރާވަރު ފަޅުން ގޯތި ލިބޭނެ ކަމަށް ލިޔުން ލިބިފައިވާ ހުރިހާ ފަރާތަކަށް ގޯތީގެ ގުރުއަތުލުން މިދިޔަ މަހުގެ 31 ގައި ވަނީ ބާއްވާފައި ކަމަށެވެ.

އަދި ގިރާވަރުފަޅު ކުރިއަށް އޮތް 3 މަސް ތެރޭގައި ހިއްކައި ނިމުމުން، އެ ތަނުން ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތީގެ ރަޖިސްޓްރީ ޙަވާލުކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މީގެ އިތުރަށް "ގެދޮރުވެރިޔާ" ސްކީމްގެ ތެރެއިން 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވި، މިހާތަނަށް 3647 ފަރާތަކަށް ވަނީ ފްލެޓްގެ ތަޅުދަނޑި ހަވާލުކުރެވިފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ އަހަރު ބޯހިޔާވަހިކަމުގެ ތިން މަޝްރޫއެއްގެ މަސައްކަތް ނިންމައި ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި ބޯހިޔާވަހިކަމުގެ 13 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިވަގުތު ހިނގަމުންދާ އިރު، އިތުރު 25 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށް، މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.