ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމަށް މި އަހަރު ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގައިވެސް އަދުލުވެރިކަން ގާއިމުކުރުން ކަމަށާއި ދިވެހި ކޮންމެ ކުއްޖެއް އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަ ކަމަށެވެ.
"އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކުން އެ ކުއްޖާގެ ހައްގުތަކުން އެ ކުއްޖާ މަހުރޫމް ވެގެން ނުވާނެ. އެގޮތުން ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުން، ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ސިޔާސަތު އޭގެ އެންމެ ފުޅާ ގޮތުގައި ތަންފީޒު ކުރުމުގެ ހާއްސަ މަޝްރޫއެއް މި އަހަރު އިރާދަކުރެއްވިއްޔާ ހިންގަން ފަށާނަން." ރައީސް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދޭނެ މުދައްރިސުން ލިބުމުގެ ދަތިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި، މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމުގެ ތެރެއިން، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރު ފަށާފައިވާ ކަމަށާއި މި އަހަރު އެ ޕްރޮގްރާމް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ހާއްސަ ކްލާސްރޫމްތަކާއި އެ ކުދިންގެ ހާލަތަށް ރިޔާއަތްކޮށް ޕްރައިވެސީ ލިއްބައިދޭގޮތަށް ފަރުމާކުރެވޭ ހާއްސަ ފާހާނާ ފަދަ ހާއްސަ އެޑިޔުކޭޝަނަލަ ސަޕޯޓް ފެސިލިޓީ ތަކާއި އުގެނުމަށާއި އުގަންނައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޑިވައިސްތަކާއި ކަމާބެހޭ އެހެނިހެން ވަސީލަތްތައް ނެތް ހުރިހާ ސްކޫލުތަކުގައި މި އަހަރު މި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.
"މީގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި މާއްދާތަކުގެ ހާއްސަ ފޮތްތައް ތައްޔާރު ކުރުމާއި އެކުދިންގެ ނުކުޅެދުންތެރިކަމާއި އެކަށީގެންވާ ގޮތެއްގައި އޯ ލެވެލްއަށް ތައްޔާރުވުމަށް ހާއްސަ މަސައްކަތްތަކެއް ރާވާ ތަންފީޒުކުރަން، މިއަހަރު އިރާދަކުރެއްވިއްޔާ ފަށާނަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާފައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ގަވާއިދަކާ އެއްގޮތްވާގޮތުގެ މަތީން އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތްވޭ ފަހިކޮށްދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމްއަށް ބަދަލު ކުރުމުގެ ފުރުސަތު މި އަހަރުގެ މާޗު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު