ރާއްޖޭގެ ރިޒާވް ހުރީ 1.3 ބިލިއަން ޑޮލަރަށްވުރެ މަތީގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ 2025 ވަނަ އަަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 38.0 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް ތަންފީޒުކޮށްފައިވާ ސިޔާސަތުތަކާއެކު ޓެކުހުގެ އާމްދަނީގެ ގޮތުގައި 28.1 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި 378.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިގޮތުން، ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 12 ޕަސަންޓަށް ކުރިއަރާފައިވާ ކަމަށެވެ. އަދި މިބަދަލުތަކާއި، އިގްތިސޯދީ ދުވެއްޔަށް އަންނަ ކުރިއެރުމާއެކު މި އަހަރު 40.4 ބިލިއަން ރުފިޔާ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.
"އާމްދަނީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއެކު، 2025 ވަނަ އަހަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވޭ. ނަތީޖާއެއްގެ ގޮތުން، ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ ފަންޑުކަމުގައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު އެސްޑީއެފްއަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވޭ" ރައީސް ވިދާޅުވިއެވެ.
ބޭރު ފައިސާއާބެހޭ ގާނޫނު ތަންފީޒުކުރަން ފެށިފަހުން 2025 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ޑިސެންބަރާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން ވެސް 2025 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށް މަގުފަހިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"މިގޮތުން ބަލާއިރު، މިވަގުތު ދިވެހިރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވުގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން އެބަހުރި. މިއީ ދިވެހި ރާއްޖޭގެ ތާރީހުގައި ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު" ރައީސް ވިދާޅުވިއެވެ.
"އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް އިން 26 އެޕްރީލް 2018 ވަނަ އަހަރު، އޭރުގެ ސަރުކާރުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު، މި ސަރުކާރުން ކުރި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން، ރޯލްއޯވާކޮށް މެޗުއަރިޓީގެ މުއްދަތު ފަސް އަހަރަށް އިތުރުކުރުމަށާއި އަދި މިކަމާ ގުޅޭ އެގްރީމަންޓުގައި ސޮއިކުރުމުގެ ޓާމްސްތަކަށް ވަނީ އެއްބަސްވެފައި"
މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އިތުރުން، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު މިހާރު ކަށަވަރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ އާމްދަނީ ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ޖަމާވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޓްރިޕަލް އޭ ރޭޓަޑް އިންޝޫރަންސް އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓަރުންނަށް ދެވޭ އިންޝޫރަންސް ކަވާ ހަމަޖެހިފައިވާއިރު، އިތުރު 150 މިލިއަން އެމެރިކާ ޑޮލަރު ހަމަޖެއްސުމުގެ ގިނަ މުއާމަލާތްތަކެއް ނިންމުމަކާ ހަމަޔަށް ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑު މާލީ ނުތަނަވަސްކަމެއް އޮތީ 2017 ވަނަ އަހަރު، އޭރުގެ ސަރުކާރުން، އިންޓަނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުން ނެގި 250 މިލިއަން ޑޮލަރުގެ ބޮންޑު އަދާކުރުމަށް، އެއަށްވުރެ ބޮޑުއަގުގައި މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު މި ސަރުކާރުން މި އަހަރު އަނބުރާ ދައްކަންޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ރާއްޖޭގެ އިގްތިސޯދީ ހާލަތާ ބެހޭ ގޮތުން 23 ނޮވެމްބަރު 2022 ގައި ތައްޔާރު ކުރި ރިޕޯޓުގައި ރާއްޖެ އޮތީ "އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް" ގައި ކަމަށް ބަޔާންކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަންނަނީ ސުކޫކު އަނބުރާ ދެއްކުމަށް ފަރުވާތެރިކަމާއެކު ތައްޔާރުވަމުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުން އެސްޑީއެފްއަށް ޑޮލަރު ޖަމާކުރަން ކަނޑައެޅި ސިޔާސަތާއި، ޖަމާކުރާ ޑޮލަރު އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މިވަގުތު އެސްޑީއެފްގައި 275 މިލިއަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފައި ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އެސްޑީއެފްގައި ބޭނުންކުރެވޭގޮތަށް ހުރީ އެންމެ ދެ މިލިއަން ޑޮލަރުކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރު އައި ފަހުން އެސްޑީއެފްގެ ގެ ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާކަން ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް މިހާރު އަންނަނީ ފާހަގަކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.
އަދި، ވޭތުވެދިޔަ ދެ ސަރުކާރުން ހިންގި މި މުއާމަލާތުގެ އިފެކްޓިވް ކޮސްޓް އޮފް ފައިނޭންސިން ޑަބަލް ޑިޖިޓަށް އަރައި 10.5 އިންސައްތައާ ހަމަޔަށް ވަނީ ގޮސްފައިކަން ރައީސް ފާހަގަކުރެއްވިއެވެ.
"މިއަހަރުގެ އޭޕްރީލް މަހު އަދާކުރަންޖެހޭ ސުކޫކުގެ 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވާފައިވާނީ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ބޭރު ފައިސާއިން. މި ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު، ބާކީވާ މިންވަރު ރީ-ފައިނޭންސްކުރުމަށް، އަދާހަމަޔަށް ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓަރެސްޓް ރޭޓު، ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަ ގޮތާ ހިލާފަށް، 9 އިންސައްތައަށްވުރެ ބޮޑު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު އަރުވަން" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ފާއިތުވި ސަރުކާރުތަކުން ރައްޔިތުންނަށް ވާރުތަކޮށްފައި ދިޔަ ބުރަބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް އެކަމަށް ތަސައްލީއެއް ހޯދައި، މާލީގޮތުން އަދަށްވުރެ ފަހި އަދި ފާގަތި ނަތީޖާ ހޯދައިދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު