މި ސަރުކާރުން މިހާތަނަށް ހާއްސަ އެހީއަށް ބޭނުންވާ 367 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ހާއްްސަ އެހީއަށް ބޭނުންވާ ފަރާތްތައް ޝާމިލުކުރުމުގެ ގައުމީ މަގުޗާޓު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކައިގައި ހާއްްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް އެފަރާތްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

"އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ކަށަވަރުކޮށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އެމަނިކިފާނުގެ އިސްނެންގެވުމުގެ ދަށުން މިހާތަނަށް 267 ފަރާތަކަށް ސަރުކާރުންވަ ނީ ވަޒީފާ ހަމަޖައްސަވާފައި." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި މިފަދަ ހާއްްސަ އެހީއަށް ބޭނުންވާ ފަރާތްތައް ތަމްރީނުކޮށް ތަފާތު އެކިއެކި ޕްރޮގްރާމްތުގައި ބައިވެރިކޮށް ފަހި ފުރުސަތުތަކެއް ހުޅުވައިދީފައިވާ ކަމަށެވެ.

މިއަދު އިފްތިތާހުކުރި މަގުޗާޓަކީ މި ސަރުކާރުން އިސް ނަގައިގެން ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި ކުރިއަށް އެޅުނު އެންމެ ވަރުގަދަ ތާރީހީ އެއް ފިޔަވަޅު،" ނައިބު ރައީސް ވިދާޅުވިއެވެ.