ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ޝުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިއަދެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ޝުޖާތާ އިސްތިއުފާ ދެއްވިއިރު، ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން އުޅޭތީ، އެކަމާ ހިތްހަމަޖެހިވަޑައި ނުގެން ޕެންޝަން އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ފަސް ބޭފުޅަކު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެގޮތުން ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމުން އަހުމަދު އިނާޒު، މިމަހުގެ ފުރަތަމަ ދުވަހު އިސްތިއުފާދެއްވިއިރު، އެ އޮފީހުގެ ބޯޑު މެންބަރުގެ މަގާމުން ސަރުވަޝް އާދަމްވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިސްތިއުފާ ދެއްވައިފައެވެ. އަދި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފައުޖީވެސް ވަނީ މީގެކުރިން އިސްތިއުފާ ދެއްވައިފައެވެ.

ޕެންޝަން އޮފީހުން އިއްޔެވަނީ 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ނިންމައިފައެވެ.

ޕެންޝަން އޮފީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީން، ޕެންޝަން އޮފީހަށް ހުށަހަޅާފައިވަނީ ޑުއަލް ކަރަންސީން (ދިވެހި ރުފިޔާއިން އަދި އެމެރިކާ ޑޮލަރުން) ރިޓާން ލިބޭ 2.4 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓް ކުރުމަށް ކަމަށެވެ. ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބިނާކޮށް މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ހުށަހަޅާފައިވަނީ، މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޒަރީ ބޮންޑުތަކުގެ ތެރެއިން 24 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު, ލިބޭ ފައިސާއިން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ބޮންޑުގައި އިންވެސްޓް ކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމުގައި ރިއާޔަތް ކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ ޑުއަލް ކަރަންސީ ބޮންޑު ގަތުމަށް ފައިނޭންސް ކުރުމަށް ސެކަންޑަރީ މާކެޓުގައި ވިއްކާލަން ޖެހޭ ބޮންޑުތައް ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށް ވިއްކާލުމާއި, ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ދުރު ރާސްތާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ ހެދުމުގައި ލިބިފައިވާ ކޮންސަލްޓަންޓުންގެ ލަފަޔާ އެއްގޮތަށް, އިންވެސްޓްމަންޓުތައް ސިންދަފާތުކޮށް، ފަންޑުގެ ވިލުންވެރިކަން ހަރުދަނާކުރުމުގެ ގޮތުން، އިންވެސްޓްމަންޓުގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓް ކުރުމާއި، އިންވެސްޓްކޮށްފައިވާ އެސެޓްތަކުގެ އެވަރެޖް ޑިއުރޭޝަން ދިގުކުރުމާއި, އަދި ޕޯޓްފޯލިއޯ ރިޓާން އިތުރުކުރުމެވެ.

"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި, އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެއެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޒަރީ ބިލްތަކުގެ ތެރެއިން ބައެއް، ދިގުމުއްދަތުގެ ޓްރެޒަރީ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތު މި މުއާމަލާތުން ލިބިގެންދިއުމާއެކު، ޕޯޓްފޯލިއޯ ރިޓާންވެސް އިތުރު ވެގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.