މުޅި ރާއްޖޭގެ 18 އަހަރުން މަތީގެ އެންމެންގެ ހެލްތު ޑޭޓާ ސިސްޓަމަށް އަޅައި އެއްކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ހަ މަސް ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"ތަރުޖަމާނާ އެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް އިއްޔެ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ޕްރައިމަރީ ހެލްތު ކެއާއަށް ކަމަށެވެ. އެގޮތުން މިހާރު އެ ނިޒާމު އިތުރަށް ހަރުދަނާކޮށް އިތުރަށް ފުޅާ ކުރުމަށް މި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެން ހިންގަމުންދާ އެންމެ މުހިންމު އެއް ޕްރޮގްރާމަކީ މުޅި ޕްރައިމަރީ ހެލްތު ކެއާ ވަރުގަދަ ކުރުމަށްޓަކައި މުޅި ރާއްޖޭގެ 18 އަހަރުން މަތީގެ އެންމެންގެ ޑޭޓާ ސިސްޓަމަށް އެބަ އަޅަން. ބައެއް ލެބޯޓަރީ ޓެސްޓްތައް ހިމެނޭނެހެން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ޑޭޓާގެ ސަބަބުން ކޮންމެ ރަށެއްގައި ވެސް އެންމެ ހައި ރިސްކް މީހުން ދެނެގަނެވިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދުރާލައި ޑޮކްޓަރަށް ދެއްކުމާއި ޗެކަޕް ހެދުމަށް އެ ފަރާތްތަކަށް ބާރަކަށް ވެގެންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"މިހާރު 12 އަތޮޅެއްގެ މި ޑޭޓާ އަޅުގަނޑުމެންނަށް ނެގި، އެރަށްރަށުގެ ހެލްތު ފެސިލިޓީގެ މީހުން އެއަށް ތަމްރީން ކުރެވި، މިކަން އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް ކުރެވެމުން މިދަނީ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ބާކީ ނުނިމި އޮތް އަތޮޅުތައް ވެސް ނިންމައި މުޅި ރާއްޖޭގެ ނިޒާމް މި ނިޒާމްގެ ތެރެއިން ގުޅުވާލައި މި ހިދުމަތް ދެމުން ގެންދިއުން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މި ޑޭޓާގެ ސަބަބުން ކޮންމެ މީހަކަށްވެސް ސަމާލުވާން ވީ ކަންކަމާއި އެމީހެއްގެ ހާލަތު ވަރަށް ފަސޭހައިން ބެލިގެންދާނެ ކަމަށެވެ. އަދި ޑޮކްޓަރުންނަށްވެސް ކޮންމެ މީހެއްގެ ޑޭޓާ އާއި އާއިލީ ބެކްރައުންޑް އެނގިގެން ދިއުމުން، ފަރުވާ ކުރުމަށް އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.