ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް އިންވެސްޓްކުރުމުން ބޭރު ފައިސާ ގަންނަން ނުޖެހި، ޕެންޝަން ފަންޑުގައި ބޭރުގެ ފައިސާގެ ރިޒާވެއް އުފެދޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ޑުއަލް ކަރަންސީން (ދިވެހި ރުފިޔާއިން އަދި އެމެރިކާ ޑޮލަރުން) ރިޓާން ލިބޭ 2.4 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓް ކުރުމަށް ކަމަށެވެ. އަދި ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބިނާކޮށް މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ހުށަހަޅާފައިވަނީ، މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޒަރީ ބޮންޑުތަކުގެ ތެރެއިން 24 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު, ލިބޭ ފައިސާއިންނެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ބޮންޑުގައި އިންވެސްޓް ކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމުގައި ރިއާޔަތް ކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ ޑުއަލް ކަރަންސީ ބޮންޑު ގަތުމަށް ފައިނޭންސް ކުރުމަށް ސެކަންޑަރީ މާކެޓުގައި ވިއްކާލަންޖެހޭ ބޮންޑުތައް ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށް ވިއްކާލުމާއި, ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ދުރު ރާސްތާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ ހެދުމުގައި ލިބިފައިވާ ކޮންސަލްޓަންޓުންގެ ލަފައާ އެއްގޮތަށް, އިންވެސްޓްމަންޓުތައް ސިންދަފާތުކޮށް، ފަންޑުގެ ވިލުންވެރިކަން ހަރުދަނާކުރުމުގެ ގޮތުން، އިންވެސްޓްމަންޓުގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓް ކުރުމާއި، އިންވެސްޓްކޮށްފައިވާ އެސެޓްތަކުގެ އެވަރެޖް ޑިއުރޭޝަން ދިގުކުރުމާއި, އަދި ޕޯޓްފޯލިއޯ ރިޓާން އިތުރުކުރުމެވެ.

"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި, އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެއެވެ..،" އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޒަރީ ބިލްތަކުގެ ތެރެއިން ބައެއް، ދިގުމުއްދަތުގެ ޓްރެޒަރީ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތު މި މުއާމަލާތުން ލިބިގެންދިއުމާއެކު، ޕޯޓްފޯލިއޯ ރިޓާންވެސް އިތުރު ވެގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.