ވާސް ތަކެއްގެ ތެރެއަށް ލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ ސ. ހިތަދޫ ވެހެތާނުގެ އަބްދުﷲ ސާދިގުގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ ކުރީ، ސްރީލަންކަން އެއާލައިނުން އޭނާ ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ތެރޭގައި ހުއްޓާ މޯލްޑިވްސް ކަސްޓަމްްސް ސާވިސް އިން އޭނާ ހުއްޓުވައި، އޭނާ ގެނައި ލަގެޖް ފޮށިތަކުގެ ތެރެއިން ސްކައިމޭޓް ބްރޭންޑްގެ ލަގެޖް ފޮށި އެކްސްރޭކޮށް ބެލިއިރު އެ ފޮށީގައި ހުރި ވާސްތަކެއްގައި އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ބެލެވިގެން ވާސްތައް ތަޅާލައި ބެލިއިރު، އެތަކެތީގެ ތެރޭގައި ކޮންސީލްކޮށްފައި ޑައިމޯފިން ހުރެގެންނެވެ.

މި މައްސަލައިގައި އޭނާ ބުނެފައިވަނީ އެ ތަކެއްޗަކީ ބެންގަލޫރުގައި ހުންނަ ލޫތު ކިޔާ މީހަކު ދިން އެއްޗެހި ތަކެއް ކަަމަށެވެ.

ނަމަވެސް މި މައްސަލައިގެ ތަހުގީގުގައި އެ ތަކެއްޗަކީ އޭނާއަށް އެނގި ހުރެ އެތެރެ ކުރި އެއްޗެހިތަކެއް ކަމަށް ކޯޓަށް ވަނީ ހެކި ހުށަހަޅައިފައެވެ.

އެހެންކަމުން ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުން އަބްދުﷲ ސާދިގު ކުށްވެރިވާ ކަމަށް ކަނޑައަޅައި 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ވަނީ އަމުރުކޮށްފައެވެ.