މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި މަރުވެފައިވަނީ ދަފްތަރު ނރ. 439 / އިބްރާހިމް ސުހެއިލް (53އ) އެވެ. އޭނާ މަރުވެފައިވަނީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެނދުނު 9:05 ގައެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ ހަފުތާއެއް ވެފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެންނެވެ. އަދި އޭނާއަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށެވެ.

އޭނާ މަރުވުމާ ގުޅިގެން އެކަން އޭނާގެ އާއިލާއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު އަންގާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.