ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ "އެއްގެއިން އަނެއްގެޔަށް" ހަދިޔާކުރަމާ ހަރަކާތް ފަށަން ތައްޔާތުވެއްޖެ އެވެ.
އެޗްޑީސީން މިއަދު ބުނީ އެ ހަރަކާތް އަންނަ ބުދަދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާ ހަމަޔަށް ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށެވެ.
މިއީ ފާއިތުވި އަހަރުވެސް އެ ކޯޕްރޭޝަނުން ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރޯދަޔަށް އެއްޗެހި އާ ކުރާނަމަ، ބޭނުން ކުރެވޭ ހާލަތުގަ ހުރި ތަކެތި އެޗްޑީސީއާ ގުޅިގެން އެއްގެއިން އަނެއްގެއަށް ހަދިޔާކުރެވެއެވެ.
ހަދިޔާކުރެވޭ ތަކެތީގެ ތެރޭގައި ބޭނުންކުރެވޭ ހާލަތްތަކުގައި ހުރި އެނދު، އައިސް އަލަމާރި، މިކްސްޗަރު، ކުކަރު، ޓީވީ، ގޭތެރެގައި ގިނަދުވަހު ހިފައި ގެންގުޅޭ ސާމާނު ހިމެނެއެވެ. މިތަކެތި އެޗްޑީސީއާ ހަވާލުކުރުމަށް އެ ކޯޕްރޭޝަނާ ގުޅުމުން އެތަނަކުން ތަކެތި ނެގުމަށް ހަމަޖެހިފައިވެއެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ އެކަން ކުރިޔަށް ދާނީ ރުއްގަނޑު އެެކެއްގައި ކަމަށާއި އެކަމަށް ހާއްސަ އެޗްޑީސީގެ 7412111 ހޮޓްލައިން ނަންބަރަށް ގުޅުން ހަމަޖެހޭނެ ކަމަށެވެ.
"އެ ނަންބަރަށް ގުޅާލުމުން އެޗްޑީސީގެ ފަރާތުން ތަކެތި ބަލަންގޮސް އެއީ ބޭނުން ކުރެވޭނެ ހާލަތެއްގައި ހުރި އެއްޗެއްތޯ ބަލައި އެތަކެތި ނަގަންދާނެ ވަގުތު ބުނެދޭނެ." އޮފިޝަލް ވިދާޅުވިއެވެ.
އޭގެ އިތުރުން ރުއްގަނޑު އެކަކަށް އެތަކެތި ގެންދިއުމާއި ބޭނުން ވާ ފަރާތްތަކަށް އެ ފޯރުކޮށްދިނުމުގެ ހިދުމަތްވެސް ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ