ސްޓޮކް މަދުވުމުން 100 ރުފިޔާގެ އާ ސްޓޮކެއް މިއަދު ގެނެސްފިއެވެ.

މަރުކަޒީ ބޭންކް, އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަން ދިހަ ފަހެއް ނޫޓް ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެފައިވާ ކަމަށެވެ.

އެހެންވެ މިއަދު 100 ރުފިޔާގެ އާ ސްޓޮކެއް ގެނެސްފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ފައިސާގެ ސްޓޮކް މަދުވުމުން ޗާޕު ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މީގެ ކުރިން ވަނީ ފަސް ރުފިޔާ އާއި ދިހަ ރުފިޔާ އަދި 20 ރުފިޔާގެ އިތުރުން 50 ރުފިޔާގެ ނޫޓު ވެސް އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައެވެ. ނޫޓު ތަކުގެ އިތުރުން ވަކި ލާރި ވެސް އެމްއެމްއޭ އިން އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައިވެއެވެ.

މިހާރު ބޭނުން ކުރަމުން އަންނަ ރަން ދިހަފަހެއް ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރުނު ސީރީޒް އެކެވެ. ރަން ދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނެނީ 1000 ރުފިޔާގެ ނޫޓް، 500 ރުފިޔާގެ ނޫޓް 100 ރުފިޔާގެ ނޫޓް، 50 ރުފިޔާގެ ނޫޓް 20 ރުފިޔާ އަދި 10 ރުފިޔާގެ ނޫޓުގެ އިތުރުން ފަސް ރުފިޔާގެ ނޫޓެވެ. މި ނޫޓްތައް ތައްޔާރުކޮށްފައި ވަނީ ޕޮލީމާ މެޓީރިއަލް އިންނެވެ.